މިދިޔަ ހަފްތާގައި ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި ހިމަބިހި ފެތުރެން ފެށިއިރު، ކޮންމެ ހަފުތާއެކު ގިނަ އަދަދެއްގެ ކޭސްތައް ފެނުނެވެ.
އެކަމަކު މަޑުމަޑުން ބަލިޖެހިފައިވާ މީހުންގެ އަދަދު މަދުވަމުން ގޮސް މިދިޔަ ހަފްތާގައި ބަލި ޖެހިފައިވާ އެކަކު ވެސް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެ ބަލި ޖެހުނު ކަމަށް އެންމެ ފަހުން ރެކޯޑް ކުރެވުނީ ފަސް މީހަކަށެވެ.
ބަލި އިތުރަށް ޖެހިފައިވާ މީހުންގެ އަދަދު ސުމަކަށް ތިރިކުރެވިފައިވާއިރު އެޗްޕީއޭ އިން ބުނީ މި އަހަރުގެ ޖެނުއަރީން ފެށިގެން އެ 287 މީހަކަށް އެ ބަލި ޖެހުނު ކަމަށެވެ.
މިހާތަނަށް ބަލިން ރައްކާތެރިވުމަށް 16،689 ވެކްސިން ޖަހާފައިވެ އެވެ.
އެޗްޕީއޭ އިން ވަނީ ވެކްސިން ޖަހާފައިވާކަން ޔަގީންނުކުރެވޭ މީހުން ވެސް ވެކްސިން ސެންޓަރުތަކަށް ގޮސްގެން އެ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފަ އެވެ.
އެޗްޕީއޭ އިން ވަނީ ބަލިޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ މީހުން ލަސްނުކޮށް ވެކްސިން ޖެހުމަށް ވެސް އެދިފަ އެެވެ. އަދި ބައްޔަށް ޝައްކުކުރެވިގެން ޓެސްޓް ހަދާ މީހުން ވެސް އޭގެ ނަތީޖާ ލިބެންދެން އެކަހެރިވުމަށާއި ފަރުވާ ހޯދަންދާއިރު މާސްކް އަަޅައިގެން ދިއުމުގެ އިތުރުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
ރާއްޖެއިން ހިމަބިހި ނައްތާލި ކަމަށް ޑަބްލިއުއެޗްއޯއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ފަހުން ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން ދޭތެރެ ދޭތެރެއިން އެ ބަލި ފެނެ އެވެ. އެކަމަކު މި ފަހަރު ހާލަތު ގޯސްވީ ދިވެހިންގެ ތެރޭގައި އެ ބަލި އިތުރުވާން ފެށުމުންނެވެ.
ހިމަބިހިން ރައްކާތެރިވުމަށް
- ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދަން ހޮސްޕިޓަލަށް ދިއުން. ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން އަދި އާއްމު ދަތުރުފަތުރު ބޭނުން ނުކުރުން.
- ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.
- ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.