ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އަހަރެއްގެ ތެރޭގައި މިހާރު ކުރެވޭ 13.9 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެ ގައުމުން އަމާޒު ހިފާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް އިއުލާނުކުރައްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ މަނިކުފާނާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ކުރެވޭ ވިޔަފާރިއަކީ ދެ ގައުމުގެ އިގްތިސާދީ ގާބިލުކަމާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.
މި ގުޅުން ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން ވިޔަފާރި، ދިފާއީ ދާއިރާ، ސިއްހީ ދާއިރާ، ގާބިލުކަން އިތުރުކުރުން އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހިމެނޭހެން ތަފާތު 20 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތައް ތަންފީޒުކުރުމުގެ މަސައްކަތް ވަރަށް ގާތުން ވިލަރެސްކުރައްވާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވި އެވެ.
މައިގަނޑު ގޮތެއްގައި އެއްބަސްވެވުނު ކަންތައްތަކުގެ ތެރޭގައި މާލެއާއި އަތޮޅުތެރޭގައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތަކަށް ޕާކިސްތާނުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޕާކިސްތާނުގެ މެޑިކަލް ޔުނިވާސިޓީތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އެއްބާރުލުން ދިނުން ހިމެނެ އެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، ދެ ގައުމުގެ އެއްގޮތް ވިސްނުންތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.
މިގޮތުން، ފަލަސްތީނުގެ ހައްގުގައި ރާއްޖޭން ގެންގުޅޭ ސާބިތު ސިޔާސަތަށް ތައުރީފުކުރައްވައި، އދ. ގެ ގަރާރުތަކާ އެއްގޮތަށް މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ޕާކިސްތާނުން ފުރިހަމައަށް ތާއީދުކުރާކަން ތަކުރާރުކުރެއްވި އެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ބޮޑުވަޒީރު ވަނީ ކަރާޗީއާއި ގުވާދަރުގެ ބަނދަރުތަކާއި ރާއްޖޭގެ ރަށްތައް ގުޅުވައިދޭ ކަނޑުގެ ސަރަހައްދުގެ ތާރީހީ ގުޅުން ހަނދާންކޮށްދެއްވައި، މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުމަށް ލިބުނު އާ ދިރުމެއް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅު ކުރިއަށް މިދަނީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ.