ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކޮށް ދެ ގައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތަކާއި ކަނޑުމަގުން މުދާ އުފުލުމުގެ ގުޅުން ގާއިމުކުރުމުގެ މަސައްކަތް އަވަސްކޮށް، އަމަލީ ސިފަ ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި މިއަދު ބާއްވާ "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު މިހާރު ހިނގަމުންދަނީ އެންމެ 13 މިލިއަން ޑޮލަރުގެ ކުޑަ ވިޔަފާރިއެއް ކަމަށެވެ.

ނަމަވެސް، ރައީސް މުއިއްޒު އާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެ އަދަދު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެބޭފުޅުން ސާފު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަހު، ރައީސް ޑރ. މުއިއްޒު، އަޅުގަނޑުގެ އެދުމުގެ މަތިން ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް ގެންދިއުމަށް ވަރަށް ފުރިހަމައަށް އެއްބަސްވެވަޑައިގެންފައި. މިހާރު މިއޮތީ ފުރުސަތު. މިއީ އަޅުގަނޑުމެން އަމަލީ ގޮތުން ނަތީޖާ ނެރެންވީ ވަގުތު،" ބޮޑުވަޒީރު ވިދާޅުވި އެވެ.

ވިޔަފާރީގެ އެ އަމާޒަށް ވާސިލުވުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ކަނޑާއި ވައިގެ މަގުން ގުޅުވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަ ކުރައްވައި، ޝެހްބާޒް ވިދާޅުވީ، މާލެ އާއި ކަރާޗީ ނުވަތަ އިސްލާމްއާބާދާ ދެމެދު ސީދާ ވައިގެ ދަތުރުތައް ނެތުމަކީ މިހާރު އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ޕާކިސްތާނުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒާއި ބޮޑުވަޒީރު ޝެހެބާޒް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ޕާކިސްތާނުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒާއި ބޮޑުވަޒީރު ޝެހެބާޒް ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

އެހެންވެ، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ނުވަތަ އެ ގައުމުގެ އެހެން އެއާލައިނެއް މެދުވެރިކޮށް، ޓޫރިސްޓުންނާއި ވިޔަފާރިވެރިން ހިމެނޭހެން މާލެއަށް ސީދާ ފްލައިޓްތައް ފެށުމުގެ ދިރާސާތައް ވަގުތުން ހެދުމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީއަށް މިހާރު އަންގަވާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ގައުމީ އެއާލައިނުން ވެސް ޕާކިސްތާނަށް ދަތުރުތައް ފެށުމަށް ޕްލޭނެއް އެކުލަވާލުމަށް ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ ގައުމުގެ ސިވިލް އޭވިއޭޝަން އިދާރާތައް ގުޅިގެން ވީ އެންމެ އަވަހަކަށް މި ދަތުރުތައް ފެށުމުގެ އިންތިޒާމު ހަމަޖެއްސުމަށް ޝެހްބާޒް ގޮވާލެއްވި އެވެ.

ވައިގެ ދަތުރުފަތުރުގެ އިތުރުން، މުދާ އުފުލުމަށް ކަނޑުމަގުން ދެ ގައުމު ގުޅާލުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ބޮޑުވަޒީރު ވިދާޅުވީ ކަރާޗީ ނުވަތަ ގްވާދަރު ބަނދަރުން މާލެއަށް ސީދާ ދަތުރުކުރާނެ އިތުބާރު ހުރި ޝިޕިން ލައިނެއް ނެތީސް، ވިޔަފާރީގެ އަމާޒަށް ވާސިލުނުވެވޭނެ ކަމަށެވެ.

ޕާކިސްތާނުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ޕާކިސްތާނުގައި މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް

އެހެންކަމުން ދެ ގައުމުގެ ކަމާބެހޭ މިނިސްޓަރުން މަޝްވަރާ ކުރައްވައި، ކުރު މުއްދަތެއްގެ ތެރޭގައި އަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ޝިޕިން ޕްލޭނެއް އެކުލަވާލުމަށް ބޮޑުވަޒީރު އެދިވަޑައިގެންނެވި އެވެ.

ޝެހްބާޒް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު ރާއްޖެއަށް އެނބުރި ވަޑައިގަންނަވާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ އިސް ވިޔަފާރިވެރިންނާއި ސަރުކާރުގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރާނެ އެވެ.

އެ ވަފުދުގައި ހިމެނޭނީ ރާއްޖެއަށް މުދާ ގެނައުމުގެ ތަޖުރިބާ ހުރި ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް އޮފިޝަލުންނެވެ. އަދި އެ ވަފުދުގެ ދަތުރުގައި، ދެ ބޭފުޅުންގެ ދެމެދުގައި ކުރި މަޝްވަރާތައް ލިޔެކިޔުމަކަށް ބަދަލުކުރުމަށް އެދިވަޑައިގަންނަވަމުން ޝެހްބާޒް ވިދާޅުވީ އާދައިގެ އެމްއޯޔޫތަކަށް ވުރެ އަމަލީ ގޮތުން ތަންފީޒުކުރެވޭ ހަރުދަނާ އެއްބަސްވުންތަކަށް ވާސިލުވުން މާ މުހިންމު ކަމަށެވެ.

ގާތްގަނޑަކަށް 11 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި އެ ރަސްމީ ދަތުރުފުޅަކީ ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ އާ ބާބެއްގެ ގޮތުގައި ސިފަކުރައްވަމުން ބޮޑުވަޒީރު ވަނީ އެއީ ދެ ގައުމުގެ ވިޔަފާރި އާއި އިގްތިސާދަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްދޭނެ ދަތުރުފުޅަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.