ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މިނިސްޓަރުން އަދި ރަށު ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ 73،000ރ. އެވެ. މިއީ، މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރައަށް ވުރެ ވެސް ކުޑަ އަދަދެކެވެ.
މި ފަރަގު އޮންނަ ސަބަބަކީ މަޖިލީހުގެ ރައީސަށް ކޮމިޓީ އެލަވަންސް ނުލިބޭތީ އެވެ.
މަޖިލީހުގެ މެންބަރުންގެ މުސާރައަށް 82،000ރ. ލިބިވަޑައިގަންނަވާއިރު، ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތަށް 91،000ރ. ލިބިވަޑައިގަންނަވަ އެވެ.
އެހެންވެ، މާލިއްޔަތު ކޮމިޓީން ނިންމީ މި ފަރަގު އުވާލައި، މަޖިލީހުގެ ރައީސަށް 22،000ރ. އިނާޔާތެއް އިތުރުކުރުމަށެވެ. އޭރަށް މަޖިލީހުގެ ރައީސަށް ޖުމްލަ 95،125ރ. ލިބިވަޑައިގަންނަވާނެ އެވެ.
މިދިޔަ އަހަރު ޖުޑިޝަރީ އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރައަށް ގެނައި ބަދަލުގެ ސަބަބުން މިހާރު އެ ބޭފުޅުންގެ މުސާރަ މިނިސްޓަރުންނަށް ވުރެ ބޮޑެވެ. އޭރު މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ހުށަހެޅި ނަމަވެސް، ފާޑުކިޔުންތަކާ އެކު އެކަން މަޑުޖައްސާލައި ހަމައެކަނި ޖުޑިޝަރީ އަދި މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުކުރަން ނިންމީ އެވެ.
އެ ބަދަލާ އެކު، އުއްތަމަ ފަނޑިޔާރުގެ މުސާރައަކީ 91،000ރ. އެވެ. ފަނޑިޔާރުންނަށް 89،000ރ. އަދި މުސްތަގިއްލު މަގާމުތަކުގެ ބޭފުޅުންނަށް 74،000ރ. އާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް 59،000ރ. ލިބިވަޑައިގަންނަވަ އެވެ.
އެ ފަރަގު ނައްތާލަން މިއަދު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ މިނިސްޓަރުންނަށް ކާރު އެލެވެންސް ބޮޑުކުރާށެވެ. މިހާރު މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި ލިބެނީ 58،500ރ. އެވެ. އެއަށް އިތުރު ކުރަން ހުށަހެޅީ 17،000ރ. އެވެ. އެއީ ޕެޓްރޯލް އެލަވަންސަށް 2،000ރ. އާއި ޑްރައިވިން މުސާރައަށް 12،000ރ. އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް 3،000ރ. އެވެ.
މިއާ އެކު، މިނިސްޓަރުންގެ މުސާރަ 75،000ރ. އަށް ބޮޑުވާނެ އެވެ.
ރަށު ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން އަދި މެންބަރުންނަށް އިތުރު އެލަވަންސެއް ދޭން ވެސް ކޮމިޓީއަށް ހުށަހެޅި އެވެ. އެއީ ސާވިސް އެލެވެންސްގެ ގޮތުގައި 5،000ރ. އެވެ. މި ބަދަލު ގެންނަނީ ސިޓީ ކައުންސިލްތަކުގެ މުސާރައާ އޮތް ފަރަގު ނައްތާލަން ކަމަށް ކޮމިޓީން ބުންޏެވެ.
މިއަދު ކުރިއަށްދިޔަ މާލިއްޔަތު ކޮމިޓީގައި އޮތް ބައްދަލުވުމަށް މަޖިލީހުގެ ރައީސްގެ މުސާރަ އާއި މިނިސްޓަރުންގެ ކާރު އެލަވަންސާއި ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މި ހުށަހެޅުމަށް ވޯޓަށް އެހެމުން ކޮމިޓީގައި ތިއްބަވާ ޕީއެންސީގެ މެންބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، އެމްޑީޕީގެ ދެ މެންބަރުން ވޯޓު ނުދެއްވާއިރު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މިއީ މި ބަދަލު ގެންނަން ރަނގަޅު ވަގުތެއް ނޫން ކަމަށާއި މިކަން ވާނީ ދައުލަތަށް ބޮޑު ބުރައަކަށް ކަމަށެވެ.