ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ކުޑަވާތީ އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރަން ކޮމިޓީއަށް މިއަދު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އަދި އޭނާ އެ ހުށަހެޅުން ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް މިހާރު ލިބޭ މުސާރަ މަޖިލީހުގެ ރައީސްގެ މުސާރައަށް ވުރެ ކުޑަވާތީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މީގެކުރިން ލިބެމުން ދިޔައީ 73،000ރ. އެވެ. ނަމަވެސް އެއީ މަޖިލީހުގެ ނައިބު ރައީސާއި މެންބަރުންނަށް ލިބޭ މުސާރަ އާއި އިނާޔަތްތަކަށް ވުރެ ކުޑަ އަދަދަކަށް ވާތީ މަޖިލީހުގެ ރައީސްގެ ޖުމްލަ މުސާރަ އާއި އިނާޔަތްތައް 95،000ރ. އަށް ބޮޑުކުރަން ކޮމެޓީން މިދިޔަ ހަފުތާގައި ނިންމި އެވެ.
ނަމަވެސް އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވަނީ 91،000ރ. އެވެ. އެހެންވެ، މެންބަރު މަމްދޫހު ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވެންސެއްގެ ގޮތުގައި އިތުރު 4،125ރ. ހަމަޖެއްސުމަށެވެ.
އެއާއެކު، އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަޖިލީހުގެ ރައީސްއާ އެއްވަރަށް 95،125ރ. މަހަކު ލިބިވަޑައިގަންނަވާނެ އެވެ. އަދި އެ ބަދަލު ގެންނަން ކޮމިޓީން ފާސްކުރީ މިއަދު ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
މުސާރައިގެ ފަރަގު ނައްތާލަން ކަމަށް ބުނެ މާލިއްޔަތު ކޮމިޓީން ކުރިން ވަނީ މިނިސްޓަރުންގެ ކާރު އެލެވެންސް ވެސް ބޮޑުކޮށްފަ އެވެ. ކުރިން މިނިސްޓަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެނީ 58،500ރ. އެވެ. އަދި އެއަށް އިތުރުކުރަން ހުށަހެޅީ 17،000ރ. އެވެ. އެއީ ޕެޓްރޯލް އެލަވަންސަށް 2،000ރ. އާއި ޑްރައިވަރުންގެ މުސާރައަށް 12،000ރ. އަދި ޑްރައިވަރުންގެ ލިވިން އެލަވަންސަށް އިތުރު 3،000ރ. އިތުރު ކުރުމަށެވެ.
އެހެންވެ، އެ ބަދަލާއެކު މިނިސްޓަރުންގެ މުސާރަ 75،000ރ. އަށް ބޮޑުވާނެ އެވެ.