ޝަރުއީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރާނެ ހާއްސަ އިދާރާއެއް، ގާނޫނީ ބާރުވެރިކަމާ އެކު އުފެއްދުން މުހިންމު ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދު ވިދާޅުވެއްޖެ އެވެ. 

"ޖުޑިޝަލް އިޔާ 2026" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މަދަނީ އަދުލުގެ ނިޒާމަކީ ވަރަށް ފުޅާ ނިޒާމެއް ކަމަށާއި އެކިއެކި މުއާމަލާތްތަކާ ގުޅިގެން ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ސަބަބުން، ހައްގުތައް އޭގެ ވެރިފަރާތްތަކަށް ސާބިތުވެ އިޖުތިމާއީ ހަމަޖެހުން ގާއިމުވާ ކަމަށެވެ. އަދި ވިޔަފާރީގެ ދުވެލި ބާރުވެ، އިންވެސްޓަރުންގެ އިތުބާރު ލިބިގެންދާ ކަމަށެވެ. 

"މި ނިޒާމުގެ ތެރެއިން ކޮންމެ ދުވަހަކު ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުންތަކާއި ކުރާ ހުކުމްތަކަކީ، ވަރަށް ގިނަ އަދަދެއްގެ ނިންމުންތަކަކާ ހުކުމްތަކެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ކުރާ ހުކުމްތައް، ފަނޑިޔާރުގޭގެ ތެރެއިން ނުވަތަ ފަނޑިޔާރުގޭގެ ބޭރުން ތަންފީޒުކުރެވޭނެ ހަރުދަނާ ގާނޫނީ މެކޭނިޒަމެއް މުޖުތަމައަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ. 

މިފަދަ ހުކުމްތައް ތަންފީޒުކުރާނެ ގޮތް ބަޔާންކުރާ ހަރުދަނާ ގާނޫނީ އޮނިގަނޑަކާ އެކު، އެކަމަށް ހާއްސަ އިދާރާއެއް، ގާނޫނީ ބާރުވެރިކަމާ އެކު މިއަދު ވަނީ އުފައްދަން ޖެހިފައި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިހާރު ހުކުމްތައް ތަންފީޒު ކުރުމުގެ ކަންކަން ކުރަނީ ސިވިލް ކޯޓުގެ ޑިވިޝަނަކުންނެވެ. 

"ކޯޓުތަކުން ކުރާ ހުކުމްތަކަކީ ނަތީޖާ ހާސިލުވާ ހުކުމްތަކެއް ކަމުގައި ވާނީ އެ ހުކުމްތައް، ހުކުމާ އެއް ގޮތަށް ތަންފީޒުކުރެވިގެން. އޭރުން އިޖުތިމާއީ ހަމަޖެހުން ގާއިމްކުރެވިގެން ދާނެ. ކޮމާޝަލް ބޭންކްތަކާއި އިންވެސްޓަރުންގެ އިތުބާރު އިތުރުވެގެންދާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

އަދި އެކަމުގެ ސަބަބުން، އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި ގޮތުގައި އާއިލީ ހަމަނުޖެހުމުގެ ތެރެއިން އަނބިންނާއި ދަރިންނާއި ފިރިންގެ އިތުރުން މުސްކުޅި މައިންބަފައިންނާ މެދު ހިންގޭ ނޭދެވޭ އަމަލުތަކުން އެފަރާތްތަކަށް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ އެވެ. 

ކޯޓުތަކުން ކުރާ ހުކުމުގެ ބާރު ފެނި، ކޯޓުތަކުގެ ހައިބަތާ ގަދަރު ދިވެހި މުޖުތަމައުން ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

އެހެންވެ، އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއީ ދިވެހި ފަނޑިޔާރުގެއިން ދެކެމުންދާ ވަރަށް އުއްމީދީ ހުވަފެނެއް ކަމަށެވެ.