ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރި އިމާރާތުގައި މިހާރު ހިނގަމުންދާ ސުޕްރީމް ކޯޓަށް ހާއްސަ އާ އިމާރާތެއް އެޅުމަށް މާލޭން ބިމެއް ހަމަޖައްސައިފި އެވެ. 

ސުޕްރީމް ކޯޓަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތާ ގިނަ އަހަރުތަކެއްވެފައި ވާއިރު، މީގެކުރިން އެކިފަހަރު މަތިން ސުޕްރީމް ކޯޓަށް ހާއްސަ އިމާރާތެއް އެޅުމަށް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ވެސް އެކަން ކާމިޔާބު ނުވެ، ސުޕްރީމް ކޯޓުން ހިނގަމުންދަނީ ކުރީގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ތީމުގޭގެ އިމާރާތުގަ އެވެ. 

ސުޕްރީމް ކޯޓަށް 18 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ އެހެން ކޯޓުތަކެކޭ އެއްފަދައިން ސުޕްރީމް ކޯޓަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. 

"މިކަން ހައްލުކުރުމަށް އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އަޅުގަނޑުމެން އެންމެންނަށް ވެސް ގަބޫލުކުރެވޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

އެގޮތުން ސުޕްރީމް ކޯޓަށް ވެސް އަމިއްލަވަންތަ މުސްތަގިއްލު ހިޔާވަހިކަމެއް ލިބުމުގެ އުއްމީދު މިހާރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވު އެވެ. 

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓު ހިނގާނެ އިމާރާތެއް އެޅުމަށް މި މަހުގެ ތެރޭގައި ސަރުކާރުން ވަނީ މާލޭގެ އެންމެ ޕްރައިމް އެއް ލޮކޭޝަނުން ބިމެއް ހަމަޖައްސައިދީފަ އެވެ. އަދި އެކަމަށްޓަކައި އުއްތަމަ ފަނޑިޔާރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފަ އެވެ. 

އެކަމަކު، އެއީ ކޮން ބިމެއް ކަމެއް ވިދާޅެއް ނުވެ އެވެ. އަދި ސަރުކާރުން ވެސް މިހާތަނަށް އެ މައުލޫމާތެއް އާންމެއް ނުކުރެ އެވެ. 

"މި ބިމަކީ ސުޕްރީމް ކޯޓުގެ މުސްތަގުބަލާ މެދު އަޅުގަނޑުމެން ދެކޭ ތަސައްވުރު ރަމްޒުކޮށްދޭ ބިން. އަޅުގަނޑުމެން ދެކޭ ގޮތުގައި ހުރިހާ ގޮތަކުން ވެސް ސުޕްރީމް ކޯޓު ވާންވާނީ އެ ކޯޓުގެ ގާނޫނީ ދައުރާ އެކަށީގެންވާ ތަނަކަށް،" ޣަނީ ވިދާޅުވި އެވެ. 

އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ސުޕްރީމް ކޯޓުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށި، ކޯޓުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ލިބިގެން ދިއުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

އިންތިގާލީ ސުޕްރީމް ކޯޓު މުލިއާގޭގައި ހިންގުމަށްފަހު، މިހާރު ސުޕްރީމް ކޯޓު ތީމުގޭގައި ހިނގަމުންދާއިރު އެ ދެ ތަނަކީ ވެސް އެފަދަ ތަނެއް ހިންގުމަށް ފަރުމާކޮށްފައިވާ ތަންތަން ނޫނެވެ. 

އެ ދަތިކަމާ ހުރެ މާލޭގައި ސުޕްރީމް ކޯޓުގެ އާ އިމާރާތެއް އެޅުމަށް ކުރިން ނާދީ ހުރި ބިން ހަމަޖެއްސި އެވެ. އެކަމަކު، އެ މަސައްކަތް ކުރިއަށް ނުގޮސް، މިހާރު އެ ބިން ވަނީ ހައުސިން މަޝްރޫއުއެއް ހިނގަން އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީފަ އެވެ. 

ސުޕްރީމް ކޯޓުގެ އިތުރުން އެހެން ކޯޓުތަކުގައި ވެސް ޖާގައިގެ ދަތިކަން އޮތްއިރު، ހައި ކޯޓާއި މާލޭގެ ސުޕީރިއާ ކޯޓުތައް ހިމެނޭ ގޮތަށް ކޯޓު ކޮމްޕޮލެކްސްއެއް އެޅުމުގެ މަސައްކަތް އެމްޓީސީސީން ހުޅުމާލޭގައި މިހާރު ދަނީ ކުރަމުންނެވެ. 

އޭގެއިތުރުން މި ސަރުކާރުން ވަނީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހިނގަން ވެސް ހުޅުމާލޭން އިމާރާތެއް ދީފަ އެވެ.