ލަސްވެފައިވާ އިންސާފު، ނުވަތަ ކޯޓުތަކުގެ ބެކްލޮގު ފިލުވަން ހާއްސަ ޓާސްކް ފޯހެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުއްޣަނީ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
"ޖުޑިޝަލް އިޔާ 2026" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮންމެ ކަމެއް ވެސް ހަރުދަނާ ގޮތެއް ގައި ކުރިއަށް ގެންދެވޭނީ، އެކަމެއް ހިނގަމުންދާ ގޮތް ބަލާ މޮނިޓާކުރެވޭނެ ރަނގަޅު މެކޭނިޒަމެއް ގާއިމު ކުރެވިގެން ކަމަށެވެ. އަދި އެފަދަ ރަނގަޅު މެކޭނިޒަމެއް ގާއިމު ކުރެވިފައި ނުވާނަމަ، ހަގީގީ ރަނގަޅު ނަތީޖާ އެތަނަކުން ފެނުމަކީ ދުރުކަމެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންސާފު ލަސްވުމަކީ، އިންސާފު ނުލިބުންކަން އެއީ އެންމެނަށް ގަބޫލުކުރާ ހަގީގަތެއް ކަމަށާއި އެގޮތުން ކޯޓުތަކުގައި އެކަށީގެންވާ މިންވަރަށް ވުރެ ދިގު މުއްދަތަކަށް، ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލަތައް މިހާރު ވެސް އެބަހުރި ކަމަށެވެ.
އެހެންކަމުން މި އަހަރު، ޝަރުއީ ދާއިރާއިން ހާސިލްކުރަން ބާނުންވާ އެންމެ މުހިންމު ލަނޑުދަނޑިއަކީ، އިންސާފު ލަސްވެފައިވާ މައްސަލަތަކަށް އަމާޒުކޮށްގެން ހާއްސަ މަސައްކަތްތަކެއްކޮށް، އަވަސްކަމާ އެކު އެ މައްސަލަތައް ނިންމުމުގެ މަސައްކަތް ކުރުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެއް އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ 13،032 މައްސަލަ، ރާއްޖޭގެ ކޯޓުތަކުގައި ބެކްލޮގުގެ ގޮތުގައި އެބައޮތެވެ. އެންމެ އިސްކަމެއްދީގެން މި ވަގުތު ކުރަން ބޭނުންވާ އެއްކަމަކީ، އެ 13،032 މައްސަލައިގެ އިންސާފު އަވަސްކުރުން ކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
"...މިކަން ކުރުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާނީ، 2026 ވަނަ އަހަރު ކޯޓުތަކުގައި އަލަށް ރަޖިސްޓްރީވާނެ ކަމަށް ލަފާކުރެވޭ 21000 ވުރެ ގިނަ މައްސަލައިގެ އިންސާފު، އަވަސްކަމާއެކު ފޯރުކޮށްދިނުމުގެ ބުރަ މަސައްކަތް ވެސް މަޑުޖެހުމެއްނެތި ކުރިއަށް ދާ ގޮތަށް އިންތިޒާމު ކުރުމާއެކު،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ލަސްވެފައިވާ އިންސާފު، ނުވަތަ ކޯޓުތަކުގެ ބެކްލޮގުގެ މަސައްކަތް، ވިލަރެސްކުރުމަށް ވަކި ޓާސްކް ފޯހެއް މާދަމާ އެކުލަވާލާނެ އެވެ. އެ ޓާސްކް ފޯހުގެ ފަރާތުން މީގެ ތެރެއިން ކޮންމެ މައްސަލެއް ނުނިމިއޮތް ސަބަބު، ސީދާ އެ މައްސަލަ ހަވާލުކޮށްފައިވާ މެޖިސްޓްރޭޓް ގާޒީ، ފަނޑިޔާރުގެ ގާތު އަހާ އޮޅުން ފިލުވުމަށް ފަހު، ނުނިމި އޮތް ސީދާ ސަބަބު ރަނގަޅަށް ސާފުކޮށް، އެ މައްސަލަ ކުރިއަށް ގެންދިއުމުގެ މަގު ފަހިކޮށްދެނެ ކަމަށް އުއްމަތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އަދި އެއިން މައްސަލެއް ނުނިމި ލަސްވެފައި ވަނީ، ދައުލަތުގެ އެއްވެސް އިދާރާއަކުން ލިބެންޖެހޭ އެހީތެރިކަމެއް ނުލިިބެގެން ކަމަށްވާ ނަމަ، އެ އިދާރާއަކާ މަޝްވަރާކޮށްގެން އެކަމެއްގެ ހައްލު ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
މި މަސައްކަތުގެ ތެރެއިން، އިޖުތިމާއީ ކަންބޮޑުވުމެއް ކަމަށްވާ ޝަރީއަތް ނިންމެންދެން ބަންދު ކޮށްފައިވާ މީހުންގެ މައްސަލަތައް ވެސް ހަލުވިކަމާ އެކު ނިމިގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޣަނީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ، 2026 ވަނަ އަހަރު ނިމިގެންދާއިރު، ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަކީ، އިންސާފު ނުލިބި ލަސްވެފައިވާ މައްސަލައިން ނުވަތަ ބެކްލޮގުން ސަލާމަތްވެފައިވާ ހަރުދަނާ ޒިންމާދާރު ދައިރާއަކަށް ހެދުން،" އެމަނިކުފާނު ވިދާޅުވި އެވެ.