ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައި ވަނިކޮށް އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި އެވެ. 

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިހުސާން ސަސްޕެންޑްކުރީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަކަށެވެ. 

އިހުސާން މަގާމުން އިސްތިއުފާ ދެއްވީ އޭނާ ގާޒީކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ދާދިފަހުން ނިންމާފައި ވަނިކޮށެވެ. 

އޭނާ މަގާމުން ސަސްޕެންޑްކޮށް ޖޭއެސްސީން ކުރިން ނެރުނު ބަޔާނުގައިވާ ގޮތުން އިހުސާންއާ ގުޅޭ ގޮތުން ތަހުގީގުކުރަމުންދާ މައްސަލަައިގެ ބާވަތަށާއި ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން ސަސްޕެންޑްކުރީ އެވެ. 

ޖޭއެސްސީން އޭރު ބުނި ގޮތުގައި އިހުސާން ސަސްޕެންޑްކުރީ އޭނާގެ މައްޗަށް ރައްދުވާ ގޮތަށް އެ ކޮމިޝަނަށް ހުށަހެޅި ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެންނެވެ. އަދި ކޮމިޝަނުގެ ތަހުގީގީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހާ ކަންކަން ކަށަވަރުކުރުމާ އެކު އިހުސާންގެ ބަޔާން ނަގައި ތަހުގީގަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ވެސް ހޯދާފައިވާ ކަމަށް އޭރު ބުނެފައިވެ އެވެ. 

އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލައި، އިހުސާން މަސައްކަތުގައި ދެމިހުރެއްޖެ ނަމަ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ފެންނާތީ އާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އޭނާ ސަސްޕެންޑްކުރީ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.