ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި، ދުނިޔޭގެ ތިލަ ސަރަހައްދުތަކުގައިވާ ގާތްގަނޑަކަށް ހުރިހާ ފަރެއް އެއްކޮށް ހަލާކުވެ، ނެތިދިއުމުގެ ބިރު ވަރަށް ބޮޑު ކަމަށް ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (އައިޔޫސީއެން) އިން ކުރި ދިރާސާއަކުން އިންޒާރު ދީފި އެވެ.
އައިޔޫސީއެންގެ އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ފަރުތަކުގެ ނިޒާމުގެ 96 ޕަސެންޓު މިހާރު ވަނީ ނެތިދިއުމުގެ އެންމެ ނާޒުކު ހާލަތު ކަމަށްވާ "ކްރިޓިކަލީ އެންޑޭންޖާޑް" ދަރަޖައިގަ އެވެ.
އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމަކީ މުރަކަތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެކަމުގެ ސަބަބުން ގާ ހުދުވުމުގެ މައްސަލަތައް ކުރިއަށް ވުރެ ގިނަވެ، ފަރުތަކުގެ ދިރުންތައް ދަނީ މަރުވަމުންނެވެ.
ގާ ހުދުވުމަކީ ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ ހާދިސާއެކެވެ. ދުނިޔެ ހޫނުވެ، އެކަމުގެ އަސަރު ކަނޑުގެ ލޮނުގަނޑަށް ކުރުމުން، ގާ ހުދުވަނީ ގަލުގައި ނުވަތަ މުރަކައިގެ ޓިޝޫގައި ދިރިއުޅޭ، ގަލަށް ދިރުން ގެނެސްދޭ ކުޑަކުޑަ ސޫތްޕެއް ކަމަށްވާ އަލްގީ ޒޫޒަންތަލޭ ގަލުން ނުކުތުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުރަކައަށް ހުދުކަން އާދެ އެވެ.
މި ބޮޑު ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ފަރުތަކުގެ ތެރޭގައި އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަ ރީފް އާއި ރެޑް ސީ ކަހަލަ ދުނިޔޭގެ މަޝްހޫރު ބޮޑެތި ފަރުތައް ވެސް ހިމެނެ އެވެ.
ކަނޑުގެ ޖަންގަލީގެ ގޮތުގައި ސިފަކުރެވޭ ފަރުތަކަކީ ކަނޑުގެ ހުރިހާ ދިރުމެއްގެ ހަތަރުބައިކުޅަ އެއްބަޔަށް "ހިޔާވަހިކަން" ފޯރުކޮށްދޭ މުހިންމު ނިޒާމެކެވެ. މީގެ އިތުރުން، ގޮނޑުދޮށްތައް ގިރުމުން ރައްކާތެރިކޮށްދިނުމާއި މަސްވެރިކަމާއި ފަތުރުވެރިކަމަށް ވެސް މި ފަރުތަކުގެ މުހިންމުކަން އިންތިހާއަށް ބޮޑެވެ.
އައިޔޫސީއެންގެ ރިޕޯޓުގައި ބުނެފައި ވަނީ މިހާރު ދުނިޔެ ހޫނުވަމުންދާ ނިސްބަތަށް ބަލާއިރު 2075 ވަނަ އަހަރާ ހަމައަށް ދާއިރު ގިނަ ފަރުތައް އެއްކޮށް ނެތިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މުރަކަތަކަކީ ހޫނުވުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަލުން އަނބުރާ އިއާދަވުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެއްކަން ފާހަގަކޮށް، ދިރާސާވެރިން ވަނީ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކޮށް، ފަރުތައް ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ގައުމުތަކަށް އިލްތިމާސްކޮށްފަ އެވެ.