ށ. ފުނަދޫގައި ހިންގާ ޕެޓްރޯލް ޝެޑުގައި މިދިޔަ އާދިއްތަ ދުވަހު ރޯވި ކަމަށް ބެލެވެނީ ކަރަންޓު ޝޯޓުވެގެން ކަމަށް އެ ތަނުގެ ވެރިފަރާތުން މިއަދު ބުނެފި އެވެ. 

އެ ރަށުގައި ހުރި ހަމައެކަނި ޕެޓްރޯލް ޝެޑްގައި ހެނދުނު 7 ޖަހާކަށްހާއިރު ރޯވި އަލިފާންގަނޑު ފެތުރި މީހުން ދިރިއުޅޭ ގެއަކަށާއި ތިން ގަރާޖަކަށް އަދި ސައިކަލަކަށް ވަނީ ގެއްލުންވެފަ އެވެ.


'ފަތްމިނި' ޕެޓްރޯލް ޝެޑު ހިންގާ މުހައްމަދު ވިޝާލް "މިހާރު" އަށް ބުނީ ފުލުހުން މިހާތަނަށް ބެލި ބެލުމަށް ފަހު ވެސް، އެ ތަނުގައި ރޯވީ ޑީބޯޑުގައި ކަރަންޓު ޝޯޓުވެގެން ކަމަށް ބުނެފައިވާ ކަމަށެވެ. 

ތަފްސީލުތައް އެއްކޮށް ނުލިބޭތީ، ލިބުނު ގެއްލުން ޔަގީން ނުވާ ކަމަށާއި އެކަމަކު އެ ހާދިސާގައި މުޅި ޝެޑު އެއްކޮށް އަނދާފައި ވާތީ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ. 

ވިޝާލް ބުނީ އެ ޝެޑަށް އެންމެ ފަހުން ތެޔޮ އެޅީ މިދިޔަ ހަފުތާގައި ކަމަށެވެ. އެ ތަނުގައި ރޯވީ ޕެޓްރޯލް ރީ-ފިލް ކުރަން އޮތް ދުވަހު އެވެ. 

އަލިފާނުގެ ހާދިސާގައި ގެއްލުންވި ގޭގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. އަދި 18 މީހަކަށް ސިއްހީ އެކި މައްސަލަ ދިމާވެގެން ހޮސްޕިޓަލުން ވަނީ ފަރުވާ ދީފަ އެވެ. 

އެ ހާދިސާގެ ތަހުގީގަށް ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ވަނީ ފުނަދުއަށް ގޮސްފަ އެވެ.