ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަގާމުން ރިޓަޔަކުރައްވަން ހުށަހަޅުއްވާފައިވަނީ މި އަހަރު ނިމުމުންނެވެ. އަދި އެކަމަށް އެދި އޭނާ ހުށަހެޅުއްވީ އެނގިފައިވާ ގޮތުގައި، މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
އެކަމާ ގުޅޭގޮތުން ޖޭއެސްސީން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެ އެވެ. އަދި ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔަކުރައްވާ ސަބަބެއް ވެސް ސާފެއް ނުވެ އެވެ.
އަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ޖަލު ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އެވެ.
އޭނާ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ މީގެ ހަ އަހަރު ކުރިންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް އަލީ ރަޝީދުގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީއަށް ހުށަހެޅި އެވެ. އެކަމަކު، އެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަލީ ރަޝީދު ރިޓަޔަކުރައްވާއިރު މީގެކުރިން އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި މުއުތަސިމް އަދުނާން ވެސް ވަނީ މިދިޔަ އަހަރު ރިޓަޔާ ކުރައްވައިފަ އެވެ.