ސުޕްރީމްކޯޓަށް އަލީ ރަަޝީދާއި މުހައްމަދު އިބްރާހީމް އައްޔަންކުރަން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހީމް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ސުޕްރީމް ކޯޓުގެ ފަނޑިޔާރު ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި ވަކީލު ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެ ދެ ބޭފުޅުންގެ ނަން ދިރާސާކުރަން ފޮނުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ. އެ ކޮމިޓީން އެ ދެބޭފުޅުންނަށް ރުހުންދޭން ނިންމީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

މަޖިލީހުގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި އެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގަައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަލީ ރަޝީދު އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 55 މެމްބަރެކެވެ. އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. މުހައްމަދު އިބްރާހީީމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 63 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅުން އައްޔަން ކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ފޮނުއްވާ ނަންތަކަށް ބިނާކޮށް މަޖިލީހުން ފާސް ކޮށްގެންނެވެ. އެ ދެ މަގާމަށް ޝައުގުވެރިވާ ބޭފުޅުން ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ހުޅުވައިލިޔަސް، އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅު ނުކުރުމުން މަޖިލީހަށް ފޮނުވީ އަލީ ރަޝީދާއި މުހައްމަދު އިބްރާހިމްގެ ނަމެވެ.

އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަންނަވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާކުރެއްވުމުންނެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ކުރެއްވި އަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ.

މުހައްމަދު އިބްރާހިމަކީ ގާނޫނީ ދާއިރާގައި 16 އަހަރު މަސައްކަތް ކުރައްވާފައިވާ އަދި މިހާތަނަށް ޕްރިމިއާ ޗެމްބާސްގެ ހިިއްސާދާރެއް ވެސް މެ އެވެ.