ގާނުނަށް ގެންނަން ހުށަހެޅި ބަދަލަކީ ހޯމް ސްކޫލިންގެ ގަވާއިދު ގާނޫނުގައި ބަޔާންކޮށް، އޭގެ ނާޖާއިޒް ފައިދާ ނުނެގޭނެ ފަދަ ގޮތަކަށް އެކަން ކުރިއަށްގެންދިއުން ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގާނޫނުގައި ހޯމް ސްކޫލިން ހިމެނުމަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދުނުމުގެ ކަންކަން ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅެކެވެ. އަދި މިކުރެވޭ މަސައްކަތަކީ ހޯމް ސްކޫލިންގެ ގަވާއިދު ގާނޫނުގައި ބަޔާން ކުރުން ކަމަށް ވިދާޅުވި އެވެ.
ހޯމް ސްކޫލިން އަށް ފުރުސަތުދޭނީ އެސެސްމަންޓް ހެދުމަށް ފަހު ކަމަށާއި އެ ފުރުސަތު ދޭނީ އެކަމަށް އެދޭ، މީހުންގެ ތެރެއިން ކަނޑައަޅާ ހާއްސަ ޝަރުތުތަކެއް ވަޒަންކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް ވަނީ "ހޯމް ސްކޫލިން" ތައާރަފްކުރަން ތައުލީމުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.
މިދިޔަ ސަރުކާރުގައި 2021 ވަނަ އަހަރު ހަދާފައިވާ، "ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ތައުލީމު ދިނުމުގެ ސިޔާސަތު" ގައިވާ ގޮތުގެ މަތިން ވެސް ރާއްޖޭގައި ހޯމް ބޭސްޑް ލާނިން ފުރުސަތު އޮވެ އެވެ.
ހޯމް ބޭސްޑް ލާނިންއަކީ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން ނުކުޅެދުންތެރިކަމުގެ ދަރަޖަ މަތިވުމުގެ ސަބަބުން ނުވަތަ އާލަމީ ވަބާއެއް ނުވަތަ ކާރިސާއަކާ ގުޅިގެން ނުވަތަ އެ ނޫންވެސް މަގްބޫލު ސަބަބަކާ ހުރެ ސްކޫލަށް ހާޒިރުވުމަށް އުޒުރުވެރިވާ ދަރިވަރުންނަށް ގޭގައި ދެވޭ ތައުލީމީ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމުގެ ދަށުން މިހާރު ވެސް 46 ކުއްޖަކު ގޭގައި ތިބެގެން ކިޔަވަމުން އެބަދެ އެވެ.
"މިހާރު އެއްވެސް ލިމިޓެއް ނެތް. ވަރަށް ބްރޯޑްކޮށް މި އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އޮތް ސިޔާސަތު، ގާނޫނަކަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުން އަންނައިރު އޭގައި ވަނީ ހޯމް ސްކޫލިންއަކީ ސްކޫލެއްގައި ރަޖިސްޓްރީވެފައިވާ ދަރިވަރުންނަށް އެކަނި ދެވޭނެ ފުރުސަތެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ، ކޮންމެ ކޮންމެ ދަރިވަރަކަށް ދޭނެ ފުރުސަތެއް ނޫން ކަމަށާއި އެ ފުރުސަތު ދިނުމުގައި ވަކި ހާއްސަ އެސަސްމަންޓެއް ހަދާނެ ކަމަށް ވިދާޅުވި އެވެ.
"ހޯމް ސްކޫލު ކުރާކަށް އެއްވެސް ކުއްޖަކަށް ފުރުސަތެއް ނުދޭނެ ސްކޫލެއްގައި ރަޖިސްޓްރީނުކޮށް. އެކަމަކު މިހާރު މި އަމަލުކުރަމުންދާ ގަވާއިދަކުން ލާޒިމެއް ނުކުރޭ ކޮންމެހެން ކުއްޖާ ސްކޫލެއްގައި ރަޖިސްޓްރީކުރާކަށް ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.