ހ. މާދޫގޭގައި ހިންގާ އޮފީހެއްގައި ރައްކާކޮށް، މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކެއް އަތުލައިގެންފައިވާއިރު އެ ބަނގުރާ ފުޅިތައް ރައްކާކޮށްފައި ހުރީ އޮފީސް ތެރޭގައި ވަކި ބަޔަކަށް ވަދެވޭ ގޮތަށް ހަދާފައި ހުރި ތަނެއްގައި ކަމަށާއި އެތަނުގެ އެކްސެސް، މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މުހައްމަދު ރަޝްވާނަށް އޮންނަ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
އެ ނެޓްވޯކުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ހ. ކަރޯގޭ، މުހައްމަދު ރަޝްވާން، 53، އަކީ މާދޫގޭގައި ބަނގުރާ ސްޓޮކް ރައްކާކޮށްފައި ހުރި އޮފީހުގެ މެނޭޖިން ޑިރެކްޓަރެވެ.
އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވެ، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ބަނގުރާ ބޭނުންކޮށް ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރަޝްވާނުގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެ އެވެ.
ހެކީގެ ގޮތުގައި ވަނީ އިންޓެލިޖެންސް ރިޕޯޓާއި ފޮޓޯ ރިޕޯޓާއި ފިންގާ ޕްރިންޓް އައިޑެންޓިފިކޭޝަން ނޯޓިސް ވެސް ހުށަހަޅައިފަ އެވެ.
އަމުރުގައިވާ ގޮތުން، އެތަނުން ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެހިހުރި ގިނަ އަދަދެއްގެ ފުޅި ފެނިފައިވެ އެވެ. އަދި ބަނގުރާ ފެނުނު އޮފީސް ތެރޭގައި ވަކި ބަޔަކަށް އެކްސެސް ވެވޭ ގޮތަށް ހުންނަ ތަނުގެ ތެރޭގައި ބަނގުރާ ބެހެއްޓުމަށް ޝެލްފް ރެކް ހަރުކޮށްފައިވާ ކަމަށާއި އެތަނަށް ވަނުމުގެ އެކްސެސް ރަޝްވާނަށް އޮންނަ ކަމަށް އަމުރުގައިވެ އެވެ.
އެ މައްސަލާގައި މާދޫގޭގެ ދެ ފްލޯއެއް ބަލައިފާސްކޮށް އެންމެ ފުރަތަމަ ހައްޔަރުކުރީ ތިން ބިދޭސީންނެވެ. ކުރީގެ ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލާގައި "ހުއްޓުވުނު" ދެ މީހަކީ ރަޝްވާންގެ މުވައްޒަފުންނެވެ.
ރަޝްވާންގެ ދެ މުވައްޒަފުން އިންވެސްޓިގޭޝަން އޮފިސަރަށް ކިޔައިދީފައިވާ ގޮތުގައި އެ މީހުން އެ ޖަރީމާ ހިންގަމުންދިޔައީ ރަޝްވާން އަންގައިގެންނެވެ.
ނަމަވެސް ބަންދު އަމުރުގައިވާ ގޮތުން ރަޝްވާންގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރެ އެވެ.
ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ރަޝްވާންގެ ފަރާތުން އެދުނަސް ގާޒީ ނިންމެވީ އެ ފުރުސަތު ނުދޭށެވެ.
މާދޫގޭގެ ދެ ފްލޯއެއްގައި ބަނގުރާ ރައްކޮށް ބަހައްޓައިގެން ސަޕްލައިކުރާ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝް މީހުން ކަމަސްވާ އަލް އަމީން، 34، އާއި ޕޮލިން، 43، އަދި އެމްޑީ ރަކިބް ހޮސެން، 25، އެވެ.
ކޯޓު އަމުރެއްގެ ދަށުން މާދޫގޭގެ ދެ ފްލޯ ބަލައި ފާސްކުރިއިރު 826 ފުޅި ބަނގުރާ ފެނިފައިވެ އެވެ.
ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ސްމާޓް ލޮކެއް ހަރުކޮށްފައިވާ އެ އެޕާޓްމަންޓުގެ ތެރެއަށް ވަންނައިރު ލަކުޑި ރެކުތަކެއްގައި ބަނގުރާ ފުޅިތައް ހުރީ އަތުރާލައިފަ އެވެ.