ބ. އޭދަފުށީގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ ބިންގާ މިއަދު އަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމިކް ސެންޓަރުތައް ގާއިމްކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އޭދަފުށީގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ބިންގާ މިހާރު އަޅާފައިވާ ކަމަށެވެ. 

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަރުކަޒުގެ ބިންގާ އަޅައިދެއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް އާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމެވެ. 

އޭދަފުށީގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު 18 ގަ އެވެ. 

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމުގެ ބޭނުމަކީ އިސްލާމީ ހިދާޔަތާއި ނޫރު ފެތުރުން ކަމަށް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން ވިދާޅުވެފައިވެ އެވެ.

މިހާރު ވެސް 10 ރަށެއްގައި އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކޮށް ބައެއް މަރުކަޒުތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށައިފަ އެވެ.