ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެ އެވެ.
އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރިލްވާން އަވަހާރަވިއިރު، މީގެ ހައެއްކަ މަސް ކުރިން އޭނާއަށް ސްޓްރޯކެއް ޖެހިފައިވާ ކަމަށް އެނގިފައި ވެ އެވެ.
ރިލްވާނަކީ ފިނޭންސް މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވައި، އެ މިނިސްޓްރީގެ އެކި މަޝްރޫއުތަކާއި މާލީ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ރިލްވާން އަދާކުރެއްވި އެވެ. ހާއްސަކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ރާއްޖެއަށް ގެނައި މާލީ ގިނަ އިސްލާހުތަކުގައި އޭނާގެ ދައުރު ބޮޑެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ދިރާގުގެ ބޯޑަށް ރިލްވާން އައްޔަންކުރައްވައި، ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއާމަންކަން ކުރެއްވި އެވެ. އޭނާ އެ މަގާމުން ވަކިކުރީ ފެބްރުއަރީ 2015 ގަ އެވެ.
ރިލްވާން ވަނީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވައިފަ އެވެ. އަދި މޯލްޑިވްސް ސްޓޮޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.
ރިލްވާންއަކީ އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ އާރްއެމްއައިޓީ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން އިންޓަނޭޝަނަލް މެނޭޖްމަންޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.