ނަސްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވަން ޖުމްހޫރީ މައިދާން ސަރަހައްދު މާދަމާ ބަންދުކުރަން ނިންމައިފި އެވެ. 

ފުލުހުން ބުނީ މާދަމާ ބަންދު ކުރަން ނިންމާފައި ވަނީ ޖުމްހޫރީ މައިދާނާއި ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ކަމަށެވެ. އެ ހަރަކާތްތަކަށް މާދަމާ ފަތިހުން ފެށިގެން ރެއާ ހަމައަށް އެ ސަރަހައްދު ބަންދުވާނެ އެވެ. 

މާދަމާގެ އިވެންޓްތަކާއި ބަންދުކުރާ ސަރަހައްދުތައް

  • ޖަމާއަތުގައި ފަތިސް ނަމާދު: ފަތިހު 04:00 އިން ފެށިގެން ނަމާދު ނިމެންދެން، އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެ
  • ޝަހީދުންގެ ބިނާގައި ދިދަ ނެގުން: ފަތިހު 04:00 އިން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން، ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތައް އެއްގަމު ދަތުރުފަތުރަށް ބަންދުވާނެ
  • މިލިޓަރީ ޑިސްޕްލޭ: މެންދުރުފަހު 1:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން ފަޅާއި ކަނޑުގެ ސަރަހައްދު ވެސް ބަންދުވާނެ
  • ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ: އިރުއޮއްސި 6:30 އިން ފެށިގެން ޖަލްސާ ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ބަންދުވާނެ

ނަސްރުގެ ދުވަހަކީ ނޮވެމްބަރު، 3، 1988 ގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ނަގާލުމަށް ބޭރުގެ އުދުވާނީ ބާރަކާ ގުޅިގެން ދިން ހަމަލާއިން ދިވެހި ގައުމު ސަލާމަތްވުމުގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ނަސްރުގެ ދުވަހުގެ ހަނދާނީ ބިނާ ކައިރީގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތަކާއި ސިފައިންގެ އަސްކަރީ މާޗް (ޕެރޭޑް) އަދި ޝަރަފުގެ ތިލަފަތް އެރުވުމުގެ އިތުރުން ތަފާތު ގައުމީ ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައި ބާއްވަ އެވެ.