މޯލްޑިވް ގޭހުން ގޭސް ވިއްކާ އަދަދު ވަގުތީ ގޮތުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފުޅިއަށް ގޭސް އަޅާ އަދަދު މަދުކޮށްފި އެވެ.
މޯލްޑިވް ގޭހުން ބުނީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެ ކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޭސް އަޅައިދޭ މިންވަރަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެއީ ވަގުތީ ގޮތުން ގެނައި ބަދަލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ގޭސް އަޅައިދޭ މިންވަރަށް ގެނައި ބަދަލުތައް:
- 10 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 7 ކިލޯގެ ގޭސް
- 22 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 14 ކިލޯގެ ގޭސް
- 45 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 31 ކިލޯގެ ގޭސް
އެ ބަދަލާ ގުޅިގެން ގޭހުގެ އަގުބޮޑު ނުވާނެ ކަމަށާއި އަދި ފައިސާ ނަގަމުންދާނީ ފުޅިއަށް އަޅާ ގޭހުގެ ބަރުދަނަށް ބަލައިގެން މިހާރު ވެސް ކަނޑައަޅާފައިވާ ރޭޓުން ކަމަށް ވެސް މޯލްޑިވް ގޭހުން ބުންޏެވެ.
މޯލްޑިވް ގޭހުން ބުނިގޮތުގައި ރާއްޖޭގައި ގޭސް ރައްކާކުރާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. އަދި އެ މަޝްރޫއު ނިމުމުން ތިން މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާ ކުރެވި، ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވް ގޭހުން ބުންޏެވެ.