ކައްކާ ގޭހުގެ އިތުރު ޝިޕްމަންޓެއް މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި މިއަދު ވިއްކަން ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ދުނިޔޭގެ ސަރަހައްދީ ބާޒާރުގެ ސަޕްލައި އަށް އައި "ލޮޅުންތަކަކާ" ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭސް މެދުވެރިކޮށް ވިއްކަމުން ދިޔައީ 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު ހަތް ކިލޯގެ ގޭސްފުޅި އެވެ.
އެސްޓީއޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ގޭހުގެ އާ ސްޓޮކެއް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ގޭސް ފުޅި މިއަދު ވިއްކަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހަކީ ގޭސް ބޭނުންކުރާ މިންވަރު އިތުރު މަހެކެވެ.
"ކުރިއަށް އޮތް ރޯދަމަހު ގޭސް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ. ކުރިއެކޭ އެއްގޮތަށް 10 ކިލޯގެ ފުޅި މިއަދުން ފެށިގެން ހިއްކަން ފަށާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ މިއަހަރުގެ ރޯދަމަހު ވެސް ކައްކާގޭސް އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ލިބޭނެ ކަމުގެ ޔަގީންކަން މި ހަފުތާގައި ދެއްވައިފަ އެވެ.
އެކި ސަބަބުތަކާ ހެދި އޭޝިއާގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ގެ ސަޕްލައި ތާށިވެ އާންމުންނަށް ދަތިތަކާ ކުރިމަތިވާން ފަށާފައިވާތާ ދުވަސްތަކެއް މިހާރު ވަނީ ވެފަ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތައް ވެސް ހިމެނެ އެެވެ.