އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހުން ވިއްކާ ކައްކާ ގޭހުގެ ސްޓޯރޭޖު އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެ ޕްރޮޖެކްޓު ނިމުމުން ދެ މަހާއި 15 ދުވަހުގެ މުއްދަތަށް ގޭހުގެ ސްޓޯރޭޖު މާލެ ސަރަހައްދުގައި ބެލެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ވިދާޅުވީ، ގޭސް ރައްކާ ކުރުމާ ގުޅޭ ޕްރޮޖެކްޓުގެ ޕްރޮކިއުމަންޓު މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. 

އެ ޕްރޮޖެޓު މި އަހަރުގެ ނިޔަލަށް ނިންމަން ތާވަލު ކޮށްފައިވާއިރު، އޭރުން ދެ މަހާއި 15 ދުވަހުގެ މުއްދަތަށް މޯލްޑިވް ގޭހުން، ގޭސް ސްޓޯރު ކުރެވޭނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މޯލްޑިވް ގޭހަށް މިހާރު އެއްފަހަރާ ރައްކާ ކުރެވެނީ 1،000 ޓަނުގެ ގޭހެވެ. 

"މި އަހަރަށް ބަލާއިރު ގޭހުގެ ދަތިކަން ކޮންމެހެން ފިލުވަންޖެހޭ. ގޭސް ގެންގުޅޭ ޓޭންކަރު ގެންގުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫން. ތެލުގެ ޓޭންކަރު އަޅުގަނޑުމެންނަށް އެބަ ގެންގުޅެވޭ މިހާރު ވެސް. މި އަހަރުގެ ތެރޭގައި ވެސް އެސްޓީއޯ އިން ވެސެލްއެއް ގަނެފި،" ޒަމީރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ކައްކާ ގޭސް ލިބުމުގައި ރާއްޖެ އަށް އެހާ ބޮޑު ދައްޗެއް ނެތެވެ. ސްރީ ލަންކާ އާއި ބަންގްލަދޭޝް އަށް ގޭސް ސަޕްލައި ކުރަނީ އެއްބައެއް ކަމަށް ވާއިރު އެ މީހުންގެ ކުދިކުދި އުޅަނދުތައް ރާއްޖެ ސަަރައްހދުގައި ދަތުރުކުރާ ކަމަށް ވިދާޅުވި އެވެ.  

ގޭހުގެ ޑިމާންޑު ބޮޑުވުމާ ގުޅިގެން މިދިޔަ ދެ މަސް ތެރޭގައި މޯލްޑިވް ގޭހުން ވަނީ ގޭސް ވިއްކާ އަދަދު ދެ ފަހަރެއްގެ މަތިން ލިމިޓު ވެސް ކޮށްފަ އެވެ.