ކައްކާ ގޭހުގެ އިތުރު ޝިޕްމެންޓެއް ލިބުމާ އެކު، 10 ކިލޯގެ ގޭސްފުޅި ވިއްކަން މޯލްޑިވް ގޭހުން މިއަދު އަލުން ފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވް ގޭހަށް ގޭހުގެ އާ ޝިޕްމަންޓް ލިބި، ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށް މިހާރު 10 ކިލޯގެ ގޭސް ފުޅި ވިއްކަން އަލުން ފަށާފައިވާ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދީފައިވާ ހަމަލާތަކާ އެކު، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ވަނީ ތެލާއި ގޭހުގެ އަގު އުފުލި، އެ ތަކެތި ހޯދުމަށް ދަތިވެފަ އެވެ. ގޭހުގެ ޑިމާންޑު މި ދުވަސްވަރު އިތުރުވެ، ގޭސް ވިއްކުން ލިިމިޓް ކުރަން ވެސް ޖެހުނެވެ.
އެކަމަކު، މިދިޔަ ހުކުރު ދުވަހު ގޭހުގެ އާ ޝިޕްމަންޓެއް ރާއްޖެ ވަނީ ގެނެސްފަ އެވެ.
ގޭހުގެ ޑިމާންޑު ބޮޑުތަނުން އުފުލުމާ ގުޅިގެން މި މަހު ކުރީކޮޅުން ފެށިގެން 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ވިއްކަމުން އައީ ފަސް ކިލޯ އެވެ.
މިދިޔަ މަހު ވެސް އެސްޓީއޯ އިން ވަނީ 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު، ހަތް ކިލޯގެ ގޭސްފުޅި ވިއްކައިފަ އެވެ. އެކަމަކު މިދިޔަ ރޯދަމަހާ ދިމާކޮށް އާ ޝިޕްމެންޓެއް ގެނެސް ކުރީގައި ވިއްކަމުން އައި ގޮތަށް 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފެށި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލާއި ގޭހުގެ އަގު އުފުލިފައިވާއިރު، އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. ނަމަވެސް، އެ އަގު އިތުރަށް ބޮޑުނުކޮށް، މެނޭޖުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ތެލުގެ އިތުރު ޝިޕްމަންޓްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.