ކައްކާ ގޭހުގެ އިތުރު ޝިޕްމެންޓެއް އަންނަ ހުކުރު ދުވަހު އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވް ގޭހަށް ލިބޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދީފައިވާ ހަމަލާތަކާ އެކު މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ވަނީ ތެލާއި ގޭހުގެ އަގު އުފުލި، އެތަކެތި ހޯދުމަށް ދަތިވެފަ އެވެ.
އެސްޓީއޯގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، ގޭހުގެ ޑިމާންޑު މާ ބޮޑަށް މި ދުވަސްވަރު އިތުރުވެ، ގޭސް ވިއްކުން ލިިމިޓް ކުރިޔަސް އިތުރު ޝިޕްމަންޓެއް ހުކުރު ދުވަހު ރާއްޖެ ގެންނާނެ އެވެ.
ގޭހުގެ ޑިމާންޑު ބޮޑުތަނުން އުފުލުމާ ގުޅިގެން މި ހަފުތާގައި 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ވިއްކަނީ ފަސް ކިލޯ އެވެ.
މިދިޔަ މަހު ވެސް އެސްޓީއޯ އިން ވަނީ 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު ހަތް ކިލޯގެ ގޭސްފުޅި ވިއްކައިފަ އެވެ. އެކަމަކު މި ރޯދަމަހާ ދިމާކޮށް އާ ޝިޕްމެންޓެއް ގެނެސް ކުރީގައި ވިއްކަމުން އައި ގޮތަށް 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފެށި އެވެ.
އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި ރާއްޖެ އަށް ބޭނުންވާ ތެޔޮ ގެނައުމުގައި، ތެޔޮ އެތެރެ ކުރާ އެހެން ފަރާތްތަކާ އެކު، ތެލުގެ ސަޕްލައި މެނޭޖު ކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އަދި ރާއްޖޭގައި ހުރި ތެލުގެ ސްޓޯރޭޖުގައި މައްސަލައެއް ނެތް ކަމަށް ވެސް އެސްޓީއޯ އިން ބުނެފައިވެ އެވެ.
އެސްޓީއޯގެ ލަފައަކީ އާ ތެލުގެ ޝިޕްމެންޓެއް މި މަހުގެ 20 އަދި 23 ގައި ވެސް ރާއްޖެ އަށް އަންނާނެ ކަމަށެވެ.