ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރިޓަޔާކޮށްދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ފަނޑިޔާރު އަލީ ރަޝީދު ފަނޑިޔާރުކަމުން ރިޓަޔާވެވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މަހު އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ފަނޑިޔާރުންގެ ގާނޫނާއި ރިޓަޔަމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފަނޑިޔާރު އަލީ ރަޝީދު އެދިވަޑައިގެންނެވި ގޮތަށް އަންނަ މަހުން ފެށިގެން ރިޓަޔާކޮށްދެއްވުމަށް ޖޭއެސްސީން މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ނިމްމާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު ހޯދުމަށް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.
ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔަކުރައްވާ ސަބަބެއް ވެސް ސާފެއް ނުވެ އެވެ.
ފަނޑިޔާރު އަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ޖަލު ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އެވެ.
އޭނާ ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ މީގެ ހަ އަހަރު ކުރިންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް އަލީ ރަޝީދުގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީއަށް ހުށަހެޅި އެވެ. އެކަމަކު، އެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެ އެވެ.