މ. މުއްޔަށް މަސްތުވާތަކެތި އުފުލައިދޭ ކަމުގެ ތުހުމަތުގައި، މަސްތުވާތަކެއްޗާ އެކު، ޒުވާން އަންހެނަކު ހައްޔަރުކޮށްފި އެވެ. 


އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ނިއުމާ، ފާތިމަތު ސަނާ ހުސެއިން، 31،  އެވެ. 

އެ މައްސަލާގައި ހުށަހަޅާފައިވާ ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ސަނާ ހައްޔަރުކުރީ ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން އޭނާ ހުއްޓުވައި ފާސްކުރި އިރު އޭނާގެ ލަގެޖު ފޮށި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިގެން ކަމަށެވެ. ހެރޮއިން ކަމަށް ބެލެވޭ އެ ތަކެތީގެ ބަރުދަނުގައި 31.17 ގްރާމް ހުއްޓެވެ. 

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން، އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުން އަދި ޓްރެފިކް ކުރުމުގެ ތުހުމަތެވެ. 



ކޯޓު އަމުރުގައި އިންޓެލިޖެންސް ރިޕޯޓާ ހަވާލާދީ ބުނެފައުވާ ގޮތުން އިތުރު މީހުންނާ ގުޅިގެން މ. މުއްޔަށް، އޭނާ މަސްތުވާތަކެތި އެތެރެކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަން ހޯދިފައިވެ އެވެ. އަދި އެ ހާދިސާގައި ފެނިފައިވާ މަސްތުވާތަކެތީގެ މައުލޫމާތު ވެސް އޭނާއަށް ލިބިފައިވާކަން ހޯދިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މަސްތުވާތަކެތީގެ އެކި މުއާމަލާތްތައް އޭނާ ކުރާކަން ވެސް ފޯނުގައި ހުރި މައުލޫމާތުން އެނގޭ ކަމަށް ބުންޏެވެ. 

އެ މައްސަލާގައި އޭނާގެ ބަންދަށް 10 ދުވަސް ދީ ކޯޓުން ނެރުނު އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.