ވިއްސާރާގައި ފެންބޮޑުވެ މިދިޔަ މަހު އެންމެ ބޮޑު ގެއްލުމެއް ލިބުނު ހދ. ނޮޅިވަރަމްގައި އަނެއްކާވެސް ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެ އެވެ. 

އެންޑީއެމްއޭ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ނޮޅިވަރަމަށް މިއަދު ހެނދުނު 11:30 އިން ފެށިގެން ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ، މިހާތަނަށް ތިން ގެއަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. 

ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ފެށުމަށް ކައުންސިލުން މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ. 

މިދިޔަ މަހުގެ 23 ވަނަ ދުވަހު ނޮޅިވަރަމަށް ކުރި ވިއްސާރާގައި އެ ރަށުގެ 95 ޕަސެންޓު ގެއަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. 

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ރަށުގެ މަގުތަކުގައި ވެސް ފެންބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރާގައި ވަރަށް ގިނަ ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. އޭގެ ތެރޭގައި ގިނައީ އުތުރާއި ދެކުނުގެ ރަށްރަށެވެ. ހދ. އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށަކުން ވަނީ ފެންބޮޑުވެގެން ރިޕޯޓްކޮށްފަ އެވެ. 

ގއ. ކޮލަމާފުއްޓަށް މިދިޔަ ހުކުރު ދުވަހު ކުރި ވިއްސާރާގައި މުޅި ރަށުގައި ފެންބޮޑުވެ، 40 އަށް ވުރެ ގިނަ ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ. 

ށ. ޅައިމަގަށް އިއްޔެ އެރި ނަގޫރޯޅިއެއްގައި މީހަކަށް އަނިޔާވެ، ހަތަރު ގެއެއްގެ ފުރާޅު އެއްލާލައި، ބައެއް ގުދަންތަކަށް ވެސް ގެއްލުން ލިބުނެވެ. މީހަކަށް އަނިޔާވީ ވިއްސައިގެން ދިޔަ ޓިނުގަނޑަކުން މީހެއްގެ ބޯފަޅައިގެން ގޮސްގެންނެވެ. 

މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ މިއަދު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އަދި އުތުރުގެ ހުރިހާ އަތޮޅުތަކަށް ދެންމެ ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެ އޮފީހުން އިއްޔެ ބުނި ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ އެވެ.