މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ރަނގަޅަށް ނުބަލަހައްޓާތީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދާލަތު ޕާޓީ 25،000ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ. 

އީސީގެ ވެބްސައިޓުގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ އަދާލަތު ޕާޓީ 25,000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އަދާލަތު ޕާޓީ ޖޫރިމަނާކުރީ، އެ ޕާޓީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މިދިޔަ މަހު ހައެއްގައި ހުށަހެޅިއިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެ ޕާޓީން ކޮށްފައިވާ ހުރިހާ ހަރަދުތަކުގެ ތަފްސީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވާތީ ކަމަށް އީސީން ބުންޏެވެ.

ސިޔާސީ ޕާޓީތަކުން ކުރާ ހުރިހާ ހަރަދުތައް ތަފްސީލާ އެކު ބެލެހެއްޓުމަކީ ޕާޓީތަކާ ބެހޭ ގާނޫނުގެ ދަށުން ލާޒިމުކޮށްފައިވާ ކަމެކެވެ.

އީސީން ބުނި ގޮތުގައި، 2024 ވަނަ އަހަރު އަދާލަތު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައި ނުވުމުގެ ސަބަބުން އެ ކަންކަން ކަށަވަރު ނުކުރެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިވަގުތު 6،000 އަށް ވުރެ ގިނަ މެމްބަރުން ދަފުތަރުގައި ތިބި އަދާލަތު ޕާޓީން މާލީ ބަޔާން ހުށަނާޅައިގެން ވެސް މިދިޔަ ޖުލައި މަހު އެ ޕާޓީ ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކުރި އެވެ. މާލީ ބަޔާން ހުށަނާޅައިގެން އެމްޑީޕީ އާއި އެމްއެންޕީ ވެސް އެެ މަހު ޖޫރިމަނާކުރި އެވެ. 

އަހަރެއް ނިމުމުން، ހިނގަމުންދާ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، އޭގެ ކުރީ އަހަރުގެ އަހަރީ ރިޕޯޓާ އެކު ޕާޓީތަކުން އީސީއަށް މާލީ ބަޔާން ވެސް ހުށަހަޅަން ޖެހެ އެވެ.