މާލޭ ހިޔާ 1 ގެ ފްލެޓުތަކަށް ފެން ލީކުވާ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރުމަށް އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި މިއީ ގިނަ ދުވަސްތަކެއް ވަންދެން، އެކަށީގެންވާ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ އަދި އެ އިމާރާތުގައި ދިރިއުޅޭ އާއިލާތަކަށް ބޮޑެތި ތަކުލީފުތަކާއި ގެއްލުންތަކެއް ކުރިމަތިވަމުންދާ މައްސަލައެއް ކަމަށެވެ. 

އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ވަނީ އަމިއްލަ ކޮންޓްރެކްޓަރަކާ އެކަން ހަވާލުކޮށްފަ އެވެ. 

ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން 18 އެޕާޓްމަންޓެއްގެ މައްސަލަ ހައްލުކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެެ. 

ސިޓީ ކައުންސިލުން ބުނީ ފުރަތަމަ ފިޔަވަހި ނިމުމާ އެކު، ދެވަނަ ފިޔަވަހީގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށެވެ. 

ފެން ލީކުވަމުންދާ ހުރިހާ ދިމާލެއް ދެނެގަނެ، އެކަންކަން ފުރިހަމައަށް ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ބުންޏެެވެ. 

ކައުންސިލުން ބުނި ގޮތުގައި ސިޓީ ކައުންސިލުން ބޭނުންވަނީ އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައި، މާލޭ ހިޔާ 1 ގައި ދިރިއުޅޭ މީހުންނަށް ރައްކާތެރި އަދި އަމާން މާހައުލެއް ގާއިމުކޮށްދިނުމެވެ.