ސިނަމާލެ ފްލެޓުތަކާއި ލިފްޓުތައް މަރާމާތުކޮށް، ބަލަހައްޓާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން ރޭ އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ވަނީ ސިނަމާލެ 1،2،3،4 ގެ ފްލެޓުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަންނަ ބުރާސްފަތި ދުވަހު އޭގެ މައުލޫމާތު ސާފުކުރުމަށް ފަހު، އަގު ހުށަހަޅަން ޖެހެނީ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ސިނަމާލެ ފްލެޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބައެއްގެ އިތުރުން އެ ފްލެޓުތަކާއި މާލެހިޔާ ފްލެޓުތަކުގެ ލިފްޓުތައް މަރާމާތުކޮށް، ސާވިސް ކޮށްދޭނެ ބަޔަކު ވެސް ބީލަން ހުށަހަޅަން ސިޓީ ކައުންސިލުން ފުރުސަތު ހުޅުވައިލި އެވެ.
އިއުލާނުތަކުގައި ވަނީ މާލެހިޔާ އާއި ސިނަމާލެ ފްލެޓުތަކުގެ ލިފްޓުތައް ސާވިސްކޮށް، މަރާމާތުކޮށް ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު މައުލޫމާތު ސާފުކުރަން އެދިފަ އެވެ. އޭގެ ފަހުން، އަގު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
ސިނަމާލެ އަދި މާލެ ހިޔާގެ ފްލެޓުތަކާއި ލިފްޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާންކުރިއިރު، ސަރުކާރުން ވަނީ އެ ފްލެޓުތައް ތަޅާލައި އާ އިމާރާތްތަކެއް އަޅަން ނިންމައިފަ އެވެ. ނަމަވެސް، އޭގެ އަމަލީ މަސައްކަތެއް އަދި ނުފެށެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ހިޔާ އާއި ސިނަމާލޭ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އެ ފްލެޓުތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ މީހުންނަށް ހާއްސަ އިނާޔަތްތަަކެއް ދެއްވަން ނިންމަވައިފަ އެވެ.
އެކި ސަބަބުތަކާ ހެދި މާލެހިޔާ/ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ ނުދެއްކޭ މީހުންގެ ޖޫރިމަނާ މާފުކޮށް، ފައިސާގެ އިނާޔަތެއް ދޭން ރައީސް ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި އެކަން އެ ގޮތަށް ކުރަން މާލެ ސިޓީ ކައުންސިލަށް އެ މަނިކުފާނު އެންގެވީ އެ މަހުގެ ހަތްވަނަ ދުވަހު އެވެ.
ރައީސް ނިންމެވި އުސޫލުތައް:
- މި ފްލެޓްތަކަށް ފައިސާ ދެއްކޭ ގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދިނުން.
- ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެކަމަށް ސަރުކާރުން ހައްލެއް ހޯދައި ނުދެވި ގިނަ ދުވަސް ވެފައިވާތީ، އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އިނާޔަތެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދިނުން.
- އެ އިނާޔަތް ދޭއިރު، ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް އުނިކުރާނެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާ އަށް ވުރެ ކުޑަ ނަމަ އެ އަދަދެއް މާފު ކުރުމަށް ފަހު، އެ އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރާނެ.
- ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ މީހުންނަށް އެއްލައްކަ ރުފިޔާ އެއްކޮށް، އެޕާޓްމަންޓުގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް ވެސް ރައީސް ނިންމެވި.
މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ، ރޫޅެމުންދާ މައްސަލައަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށާއި އެ ކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ދަށުން އެ އިމާރާތްތައް އަލުން ބިނާ ކުރުމަށް މި ސަރުކާރުން ނިންމާފައިވާކަން ރައީސް މުއިއްޒު ހާމަކުރެއްވީ ޑިސެމްބަރު 2023ގަ އެވެ.
އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ކުރައްވަން ބޭނުންފުޅުވި ބައިވަރު ކަންކަން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ނުކުރެވި ހުރި ކަން ފާހަގަ ކުރައްވައި، ވެރިކަމާ ހަވާލުވެ ރައީސް އެންމެ ފުރަތަމަ ވެސް ދެއްކެވީ އެ ދެ އިމާރާތް އަލުން މަރާމާތު ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމެވެ.