މާލޭ ހިޔާ ފްލެޓުތަކާއި ސިނަމާލޭ ފްލެޓުތައް މަރާމާތުކުރުމަށް ބަޔަކު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލުކޮށްފި އެވެ.
ސިޓީ ކައުންސިލުން މިމަހުގެ 19 ގައި ވަނީ އެ ފްލެޓުތަކާ ގުޅޭ ހަތަރު އިއުލާނެއް ކޮށްފަ އެވެ. އެއީ ސިނަމާލެ 3 އަދި 4 އާއި މާލެ ހިޔާ 1 އަދި 2 ގެ ލިފްޓުތައް ސާވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ސިނަމާލެ 1 އަދި 2 ގެ ފްލެޓްތައް އެއް އަހަރަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދުމަށް ކުރި އިއުލާނެވެ.
ކައުންސިލުން ވަނީ ސިނަމާލެ 3 އަދި 4 ގެ ފްލެޓްތައް 01 އަހަރު ދުވަހަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށާއި މާލެހިޔާ 1 އަދި 2 ގެ ފްލެޓްތައް އަހަރު ދުވަހަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.
އެކަމަކު އެ ހުރިހާ އިއުލާނުތަކެއް ރޭގައި ބާތިލުކޮށްފައި މިވަނީ އެ ފްލެޓްތައް މަރާމާތުކުރުމަށް ހާލަތު ބަލައި އެސަސްމަންޓެއް ތައްޔާރުކުރާނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނުކޮށްފައިވަނިކޮށެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ އިމާރާތްތަކުގެ ހާލަތު ބަލައި އެތަނަން މަރާމާތުކޮށް ބެލެެހެއްޓުމަށް ބޭނުންވާ ޓެންޑާ ލިޔުންތައް ތައްޔާރުކުރާނެ ބަޔަކު ބޭނުންވާ ކަމަށެވެ. އެ މަސައްކަތަށް ކުރިމަތިލެވެނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޝަރުތު ހަމަވާ ކުންފުނިތަކާއި ޖަމިއްޔާތަކާއި ކޮންސަލްޓެންޓުންނަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން އީމެއިން ކުރަން ވާނެ އެވެ. ފަންނީ އަދި މާލީ ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ސުންގަޑިއަކީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ކުރިން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އެ ފްލެޓުތަކަކީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތަނަކަށް ވި ނަމަވެސް އެއީ އާންމު ރައްޔިތުންގެ ދިރިއުޅުމާއި ރައްކާތެރިކަމާ ގުޅުފައިވާ ތަނަކަށް ވާތީ، އެތަން މަރާމާތުކުރުމަށް މިނިސްޓްރީން އެސެސްމަންޓެއް ހެދުމަށް ނިންމީ އެވެ.
އެތަނުގެ އެސެސްމަންޓެއް ހަދަން ނިންމިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ވަނީ ސިނަމާލެ އާއި މާލޭ ހިޔާގެ ފްލެޓްތައް ތަޅާލައި، އެ މީހުން ދިރިއުޅެން އެހެން ފްލެޓްތަކެއް އަޅަން ނިންމައިފަ އެވެ. އަދި އެ އިމާރާތް ޑިޒައިންކުރުމުގެ އެއްބަސްވުމެއްގައި ހޮންކޮންގުގެ އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީއާ އެކު އޮގަސްޓް 17، 2023 ގައި ސޮއިކުރި އެވެ. ނަމަވެސް، އޭގެ އަމަލީ މަސައްކަތެއް އަދި ނުފެށެ އެވެ.
ރައީސް މުއިއްޒު ވަނީ މާލެ ހިޔާ އާއި ސިނަމާލޭ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އެ ފްލެޓުތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ މީހުންނަށް ހާއްސަ އިނާޔަތްތަަކެއް ދެއްވަން ނިންމަވައިފަ އެވެ.