ސިނަމާލެ ފްލެޓްތައް މަރާމާތުކުރުމަށް ހާލަތު ބަލައި އެސަސްމަންޓެއް ތައްޔާރުކުރާނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
ފްލެޓުތަކާއި ލިފްޓުތައް މަރާމާތުކޮށް، ބަލަހައްޓާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން ވެސް މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ.
ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނީ ސިނަމާލެ އަދި މާލެ ހިޔާ ފްލެޓްތައް މަރާމާތުކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެ އިއުލާނުގައި ބުނީ؛
- ސިނަމާލެ އަދި މާލެ ހިޔާގެ އިމާރާތްތަކުގެ ހާލަތު ބަލައި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ޓެންޑާ ލިޔެކިޔުންތައް ތައްޔާރުކުރަން ބޭނުންވާ ކަމަށް.
- އެ މަސައްކަތަށް ކުރިމަތިލެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޝަރުތު ހަމަވާ ކުންފުނިތަކާއި ޖަމިއްޔާތަކާއި އަދި ކޮންސަލްޓެންޓުންނަށް ކަމަށް.
އެ އިއުލާނުގައި ބުނީ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން އީމެއިން ކުރަން ވާނެ ކަމަށެވެ. ފަންނީ އަދި މާލީ ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ސުންގަޑިއަކީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވަނީ ސިނަމާލެ 1،2،3،4 ގެ ފްލެޓުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހު އޭގެ މައުލޫމާތު ސާފުކުރުމަށް ފަހު، އަގު ހުށަހަޅަން ޖެހެނީ އިއުލާނުގައިވާ ގޮތުން އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ސިނަމާލެ ފްލެޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބައެއްގެ އިތުރުން އެ ފްލެޓުތަކާއި މާލެ ހިޔާ ފްލެޓުތަކުގެ ލިފްޓުތައް މަރާމާތުކޮށް، ސާވިސް ކޮށްދޭނެ ބަޔަކު ވެސް ބީލަން ހުށަހަޅަން ސިޓީ ކައުންސިލުން ފުރުސަތު ހުޅުވައިލި އެވެ.
ސިނަމާލެ އަދި މާލެ ހިޔާގެ ފްލެޓުތަކާއި ލިފްޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލުން އިއުލާންކުރި އިރު، ސަރުކާރުން ވަނީ އެ ފްލެޓުތައް ތަޅާލައި އާ އިމާރާތްތަކެއް އަޅަން ނިންމައިފަ އެވެ. ނަމަވެސް، އޭގެ އަމަލީ މަސައްކަތެއް އަދި ނުފެށެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ހިޔާ އާއި ސިނަމާލޭ ފްލެޓުތަކުގައި ދިރިއުޅޭ މީހުން އެ ފްލެޓުތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ މީހުންނަށް ހާއްސަ އިނާޔަތްތަަކެއް ދެއްވަން ނިންމަވައިފަ އެވެ.
އެކި ސަބަބުތަކާ ހެދި މާލެހިޔާ/ސިނަމާލެ ފްލެޓުތަކުގެ ޖޫރިމަނާ ނުދެއްކޭ މީހުންގެ ޖޫރިމަނާ މާފުކޮށް، ފައިސާގެ އިނާޔަތެއް ދޭން ރައީސް ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި އެކަން އެ ގޮތަށް ކުރަން މާލެ ސިޓީ ކައުންސިލަށް އެ މަނިކުފާނު އެންގެވީ އެ މަހުގެ ހަތްވަނަ ދުވަހު އެވެ.