މާލެ ހިޔާ އާއި ސިނަމާލޭގައި ދިރިއުޅޭ މީހުން އެ ފްލެޓުތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ މީހުންނަށް ހާއްސަ އިނާޔަތްތަަކެއް ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އެ ގޮތަށް ނިންމެވީ އެ ދެ ތަނުގައި ދިރިއުޅޭ މީހުންނާ އެކު، މުލީއާގޭގައި އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.
ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސް މުއިއްޒަށް އިއްޔެ ހުށަހަޅާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ނިންމެވި އުސޫލުތައް:
- މި ފްލެޓްތަކަށް ފައިސާ ދެއްކޭ ގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދިނުން.
- ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެކަމަށް ސަރުކާރުން ހައްލެއް ހޯދައި ނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އިނާޔަތެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދިނުން.
- އެ އިނާޔަތް ދޭއިރު، ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑުވާ ނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް އުނިކުރާނެ. ފްލެޓަށް ދައްކަންޖެހޭ ޖުމުލަ އަދަދު އެއްލައްކަ ރުފިޔާ އަށް ވުރެ ކުޑަ ނަމަ އެ އަދަދެއް މާފު ކުރުމަށް ފަހު، އެ އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރާނެ.
- ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ މީހުންނަށް އެއްލައްކަ ރުފިޔާ އެއްކޮށް، އެޕާޓްމަންޓުގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް ވެސް ރައީސް ނިންމެވި.
ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރައްޔިތުންގެ ހިޔާލާއި އިހުސާސްތައް ރައީސް މުއިއްޒު އަޑުއެއްސެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ، ރޫޅެމުންދާ މައްސަލައަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށާއި އެ ކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ދަށުން އެ އިމާރާތްތައް އަލުން ބިނާ ކުރުމަށް މި ސަރުކާރުން ނިންމާފައިވާކަން ރައީސް ހާމަ ކުރެއްވީ ޑިސެމްބަރު 2023ގަ އެވެ.
އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ކުރައްވަން ބޭނުންފުޅުވި ބައިވަރު ކަންކަން، ކުރީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ނުކުރެވި ހުރި ކަން ފާހަގަ ކުރައްވައި، ވެރިކަމާ ހަވާލުވެ ރައީސް އެންމެ ފުރަތަމަ ވެސް ދެއްކެވީ އެ ދެ އިމާރާތް އަލުން މަރާމާތު ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމެވެ.