މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓު ލިބުނު މީހުންގެ ލިސްޓު މިއަހަރުގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ވަރަށް ބޮޑު ސަމާލުކަމެއްދީގެން އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ފްލެޓު ލިބޭ މީހުންގެ ލިސްޓު ނެރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެފަދަ ޝަކުވާތައް ނާންނާނެ ގޮތަށް ފްލެޓާއި ގޯތި ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުންދޭ ބޯހިޔާވަހިކަމަކީ ވަކި މީހަކަށްވުމުން ދޭނެ އެއްޗަކަށް ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ކުރީގައި އެކި ފަރާތްތަކުގެ ނުފޫޒުގެ ތެރެއިން ގޮސް އެކި ފަރާތްތަކަށް ފްލެޓާއި ގޯއްޗާ މިތަންތަން ދީފައި ހުރި ކަމަށް. އެހެންވީމަ އެކަހަލަ އެއްވެސް ކަހަލަ ޝަކުވާއެއް ނާންނާނެ ގޮތަށް އެ ޔަގީންކަން އަޅުގަނޑުމެން ދެމުން މިކަން މި ކުރަނީ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށްވީތީ ދޭނެ އެއްޗަކަށް ނުވާނެ.
ރައީސް ވިދާޅުވި ގޮތުގައި ގޯއްޗާއި ފްލެޓު ދޫކުރާނީ އެކަމަށް އެދި ކުރިމަތިލާފައިވާ މީހުން ދީފައިވާ މައުލޫމާތުތައް ބަލައި އެ މީހުން ދިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް އެއީ އުސޫލުތަކަށް ފެތޭ އެޕްލިކޭޝަނެއްތޯ ބެލުމަށް ފަހުގަ އެވެ. އެކަންކަން ވަގުތު ދީގެން ވަރަށް ރަނގަޅަށް ބަލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަފްސީލުތައް، ހުށަހަޅާފައިވާ ތަފްސީލުތައް ރަނގަޅަށް ވެރިފައިކޮށްފައި ބަލާފައި އެ ފަރާތްތައް މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޕޮއިންޓްތައް ހަމަވާ ނަމަ އެ އޮންނަ ތަރުތީބަކުން އެކަނި އެ ފަރާތަކަށް ފްލެޓު ނޫނީ ގޯތި ލިބޭނީ،"
ރައީސް ވިދާޅުވީ ފްލެޓު ދެވޭނެ ސީދާ ތާރީހަކީ މިވަގުތު ދެންނެވޭނެ ތާރީހެއް ނޫން ކަމަށެވެ. އެކަމަކު ރެއާ ދުވާލު އެމަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ގޯތި ދޫކުރާނީ ރަސްމާލެ އެއްކޮށް ހިއްކާފައި ކަމަށާއި އެ މަސައްކަތުގެ 60 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ލަސްވީ ތެލުގެ އަގު ބޮޑުވުމުން ކަމަށާއި އެ މަސައްކަތް ކުރިން ކުރަމުންދިޔައީ ތިން ޑްރެޖަރުގައި ނަމަވެސް އަލުން މަސައްކަތް ފަށާނީ ދެ ޑްރެޖަރާ އެކު ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެ އެވެ. އެހާ ތަނަށް ލިސްޓު ވެރިފައިކޮށް އެމީހަކަށް ގޯތި ލިބޭނެކަން އެނގޭނެ ކަމަށް ވިދާޅުވި އެވެ.
"ދޭތިން މި މަސައްކަތް ކުރަނީ ހަރަދު މެނޭޖްކުރަންޖެހޭތީވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް އެންމެ ލަސްވެގެން ނިންމާލަން އިނގޭތޯ. އެހެންވީމަ ހައެއްކަ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް މި ބަލަނީ،"
"މިއަހަރުގެ ތެރޭގައި ގޯތި ލިބޭ ހުރިހާ އެންމެންގެ ލިސްޓު ވެރިފައިކޮށް ނިންމައި އެ ފަރާތްތަކަށް ލިބޭނެކަން އެނގިގެންދާނެ."
ފްލެޓު މަޝްރޫއުއާ ގުޅިގެން ރައީސް ވިދާޅުވީ މާލޭ ސަރަހައްދުގައި އަޅާ ފްލެޓުތަކުގެ 2028 ގެ މެދަކާ ހިސާބުގައި ނިމޭނެ ކަމަށެވެ. އަދި ފްލެޓަށް ގިނަ ބަޔަކު ކުރިމަތިލިއިރު ފްލެޓު ލިބޭކަން ވެސް މިއަހަރުގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ލިސްޓު ނެރޭއިރު އޭގައި ފްލެޓު ލިބޭނީ ކޮން ޕްރެޖެކްޓެއްގެ ފްލެޓެއްކަން ހިމެނޭނެ އެވެ.