ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ބިމަށް ކުރިމަތިލާ މީހުންގެ ތެރެއިން 400 އަކަފޫޓަށް ވުރެ ބޮޑު ކުޑަ ބިމެއް އޮންނަ މީހުން، އެ ބައި ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް  އުސޫލުގައި އޮތް ބައި އިސްލާހުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ބޯހިޔާވަހިކަމުގެ ޕޯޓަލް މެދުވެރިކޮށް ފޯމު ފުރަމުންދާއިރު އޭގައި "ތަރިކަ ނުވަތަ ވަސިއްޔަތުން ނުވަތަ ހިބައިން ނުވަތަ މި ނޫންގޮތަކުން، 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބިމުން ބައެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބެން އޮތް ނުވަތަ އެފަދަ ތަނެއް ދޫކޮށްލުމަށް އެއްބަސްވެފައިވާ ފަރާތެއްތޯ" އޮވެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ މިހާރު އޮންނަނީ 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ނަމަ، އެތަން ދައުލަތަށް ދޫކޮށްލަން ކަމަށާއި އެކަމަކު އޭގެ ބަދަލުގައި އެތަން އަނބިމީހާ/ ފިރިމީހާ ނުވަތަ ދަރިން ނުވަތަ އެއްބަނޑެއްބަފާ މީހުންގެ ތެރެއިން ބޭނުން މީހަކަށް ބިން ދޫކޮށްލެވޭ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އެ ގޮތަށް އުސޫލު ބަދަލުކޮށް އާންމުކުރާނެ އެވެ. 

"ސަރުކާރަށް ދޫކޮށްލާކަށް ނުޖެހޭނެ. އެހެންވީމަ ސްޕައުސް، ދަރިން އަދި އެއްބަނޑުއެއްބަފާ ފަރާތްތައް. އެހެންވީމާ މީގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް އެ މީހާ ދައުލަތަށް ބިންކޮޅު ދޫކޮށްލުމުގެ ބަދަލުގައި އެގޮތަށް ދޫކޮށްލެވޭ ގޮތަށް މި ބަދަލުކުރަނީ." 

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންނާ މެދު ވެސް އަމަލުކުރާނީ އެ ގޮތަށް ކަމަށެވެ. އެމީހުންނަށް ވެސް ދައުލަތަށް ބިން ދޫކުރުމުގެ ބަދަލުގައި އަނބިމީހާ/ ފިރިމީހާ އާއި ދަރިން ނުވަތަ އެއްބަނޑެއްބަފާ މީހަކަށް ބިން ދެވޭނެ އެވެ. 

ރައީސް ވިދާޅުވީ ހަމައެކަނި ސަރުކާރަށް ދޫކުރަން ޖެހޭނީ މިހާރު ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ސްކީމުން ދޫކޮށްފައިވާ ފްލެޓެއް ދޫކޮށްލާ ހާލަތުގައި ކަމަށެވެ. 

"ފްލެޓު ހަވާލުކުރަންޖެހޭނީ ސަރުކާރަށް. ބިންކޮޅު މިހާރު ވަރަށް ގިނަ ފަރާތްތަކުން އިންވެސްޓްކޮށްފައި ހުރީ. ލޯނު ނަގައިގެން ހަދާފައި ވެސް ހުރީ. ދެން ވަރަށް ކޮމްޕްލިކޭޓެޑް ހާލަތްތައް ހުރީ،" 

ރައީސް ވިދާޅުވީ ރައްޔިތުންނަށް އިތުރު ބުރައެއް އުފުލަންޖެހޭ ފަދަ ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށެެވެ. އާއިލާގެ ތެރޭގައި އެ ބިން ބޭއްވޭނެ ގޮތަށް އިސްލާހު ގެންނަނީ އެ ސަބަބާ ހުރެ ކަމަށް ވިދާޅުވި އެވެ. 

ފްލެޓާ ގުޅޭ ގޮތުން އާންމުންގެ ކަންބޮޑުވުމަކީ ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯތިން ބައެއް ލިބިފައިނުވުމާއި އެ މީހެއްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ އެއްމެދު ގޯއްޗެއް ބަހައިގެން އެ މީހަކަށް ޖެހޭބައި 400 އަކަފޫޓަށް ވުރެ ބޮޑުނުވުން ކަމަށް އުސޫލުގެ މުދަލުގެ މިލްކުވެރިކަމުގެ މިންގަނޑުގައި އޮތުމުންނެވެ.