ފުވައްމުލަކުގައި ނުވަ ފަންގިފިލާގެ އޮފީސް އިމާރާތެއް އެޅުމާއެކު، 22 ރަށެއްގައި އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫތަކެއް ހިންގުމަށް އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.
މި މަޝްރޫއުތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު ސޮއިކުރެއްވި އިރު، އެމްޓީސީސީން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި، މަގު ހެދުމުގެ މަޝްރޫއުތައް ހިންގަނީ އދ. ހަންޏާމީދޫ، ބ. ކަމަދޫ ، އަދި ކ. މާފުށި، ނ. މާޅެންދޫ، ރ. އަނގޮޅިތީމު، ރ. ވާދޫ، ށ. ކޮމަންޑޫ އަދި ތ. ވަންދޫގަ އެވެ.
އަދި އއ. މާޅޮސް، ހއ. ތުރާކުނު، ހދ. ނައިވާދޫ، ހއ. ވަށަފަރު، އަދި ނ. މިލަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހިމެނޭ އެވެ.
ބަނދަރު ހެދުމާއި އަޕްގްރޭޑް ކުރުމުގެ މަޝްރޫއުތައް ހިންގަނީ ކ. ތުލުސްދޫ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވިލުފުށި އަދި ނ. ހޮޅުދޫގަ އެވެ.
މީގެ އިތުރުން، ހދ. ވައިކަރަދޫގެ ސްލިޕްވޭ އަދި މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކުރުމުގެ އިތުރުން ރ. ފައިނުގެ މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކުރަން ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.
ނަމަވެސް، މި މަޝްރޫއުތައް ހިންގަން ހަވާލުކުރި އަގެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.