ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ސްޓެލްކޯއާ ހަ މަޝްރޫއުއެއް ސަރުކާރުން ހަވާލުކޮށްފި އެވެ. 

އެންވަޔަރްމަންޓް އެންޑް އެނާޖީ މިނިސްޓްރީން ބުނީ އެ މަޝްރޫއުތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދީ އަދި ރަށްރަށުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއުތަކެއް ކަމަށެވެ. 

ނަމަވެސް ހަވާލުކުރީ ކޮން ރަށްރަށުގެ މަޝްރޫއުތަކެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. 

މިނިސްޓްރީން ބުނި ގޮތުގައި އެ ހިދުމަތްތައް މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބެމުންދާ އިންތިޒާމް ހަމަޖެއްސުމަކީ އެ އެއްބަސްވުންތަކުގެ މުހިއްމު ބޭނުމެކެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ހާއްސަ އިސްކަމެއް މި ސަރުކާރުން ދެމުންދާ ކަމަށެވެ. އަދި ސްޓެލްކޯއާ އެ މަސައްކަތްތައް ހަވާލުކުރުމަކީ ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެެ.