މާލޭގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވުމަށް ރާވަމުންދާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އިލްތިމާސްކޮށް ގާނޫނާ ހިލާފުވެއްޖެނަމަ ވަގުތުން ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.
މި އެއްވުން ބާއްވަނީ ރަސްމާލެ މަޝްރޫއު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ "ގައުމީ ހަރަކާތުން" ނެވެ.
އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން މިހާތަނަށް ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެހެންވެ ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، އެއްވެސް ފަރާތަކަށް ދަތި ނުވާނެހެން އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"އެ އެއްވުމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަށްޓަކައި ދެންނެވީމެވެ،" ފުލުހުން ބުންޏެވެ.
މި ހަރަކާތުން އަންނަނީ ފާއިތުވި ދުވަސްތަކުގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ސިލްސިލާކޮށް އެއްވުން ބާއްވަމުންނެވެ.
މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވަނީ ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މީގެ އިތުރުން އިދިކޮޅު އެމްޑީޕީ އާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އިން ވެސް ބައިވެރިވެ އެވެ.
އެމްޑީޕީން ވަނީ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނަމަ ސީދާ ހަރަކާތަށް ނުކުތުމަށް ނިންމާފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ މަޝްރޫއުގައި ރައްޔިތުންނަށް އޮތީ މުޅިން ވެސް ފައިދާ ކަމަށެވެ. އަދި ރައީސް ވަނީ އެކަމުގައި އާންމު ވޯޓެއް ނުނަގާނެ ކަމަށް ވިދާޅުވެފަ އެވެ.