ފުރުގާނު މިސްކިތުގައި ނަމާދަށް ހުރި މީހެއްގެ ކުރިމަތީގައި ބަރަހަނާވި މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނައުޝާދު މޫސާ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފި އެވެ.
މިސްކިތްތަކުގެ ހުރުމަތް ކަނޑައިގެން މީގެ ކުރިން އެކިފަހަރު ހައްޔަރުކުރި ގ. މާލޭހިޔާ، 2 02-13، ނައުޝާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މާލޭގައި ހުންނަ ފުރުގާން މިސްކިތުގެ އަންހެނުން ނަމާދުކުރާ ބަޔަށް ވަދެ، ނަމާދަށް ހުރި މީހެއްގެ ކުރިމަތީ ބަރަހަނާވެ، އަމިއްލައަށް ޖިންސީ އެދުން ފުއްދި މައްސަލައެއްގަ އެވެ.
އެ މައްސަލާގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އޭނާ، އެފަދަ ކަމެއް ތަކުރާރު ނުކުރާނެ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި އޭނާ ވަނީ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފައި ކަމަށެވެ.
އޭނާ އޭގެކުރިން ވަނީ ފުރުގާން މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކޮށްގެން ވެސް ހައްޔަރުކޮށްފަ އެވެ.
މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، އެތަނުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 12 ގަ އެވެ. އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވެ، ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ.
އޭގެ ފަހުން ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް މި މަހުގެ އެއް ވަނަ ދުވަހު އިއްވި އެވެ. އެކަމަކު، އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަކޮށްފައިވާތީ އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައެޅި އެވެ.
ހުކުމަށް ފަހު އޭނާ މިނިވަންވި ފަހުން ވެސް އެ މިސްކިތުގައި އޭނާ ނިދާ އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވެފައިވެ އެވެ.
މީގެ ކުރިން ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް ގެއްލުންދީ އަދި ކަރަންޓް ބޯޑުތަކެއް ހަލާކުކޮށްލި މައްސަލައަކާއި މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.