މިސްކިތުގެ ތެރެއަށް ގަޟާހާޖާ ކޮށްގެން މި ފަހުން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިސްކިތުގެ ހުރުމަތް ކަނޑައިގެން ހައްޔަރުކުރި ނައުޝާދު މޫސާގެ ބަންދުގެ މުއްދަތު ހަމަވާތީ ދެ ވަނަ ފަހަރަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި ކަމަށެވެ.
އެއާ އެކު، ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ މިދިޔަ ހުކުރު ދުވަހު އަމުރުކޮށްފަ އެވެ.
މި މަހުގެ 10 ވަނަ ދުވަހު ނައުޝާދު ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ހަތިމުތައް އުކާލައި މިސްކިތަށް ގެއްލުންދީގެން ވެސް ނައުޝާދު، 32، މީގެ ކުރިން ހައްޔަރުކުރި އެވެ.
އެ ފަހަރު އޭނާ ހައްޔަރުކުރީ ފުރުގާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި އެ މިސްކިތަށް ގެއްލުންދީ އަދި ކަރަންޓު ބޯޑުތަކެއް ހަލާކުކޮށްލުމުންނެވެ.
އޭގެ ފަހުން، މިސްކިތުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއްގައި ވެސް ހައްޔަރުކުރި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަގުބޫލު ސަބަބެއް ނެތި މިދިޔަ ރޯދަ މަހު ރޯދަ ނުހިފައި ހުރުމުން ނައުޝާދުގެ މައްޗަށް ކުރި ދައުވާ ސާބިތުވުމުން ޖަލަށް ލާފައިވާ ކަމަށެވެ. އޭގެ އިތުރުން ވައްކަމުގެ މައްސަލަތަކުގައި ވެސް އޭނާގެ މައްޗަށް ދައުވާކުރި އެވެ.