ސަރުކާރު ހިންގާ ޕީއެންސީއާ އެކު ކޯލިޝަން ހަދައި، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކުރަން މަސައްކަތްކުރަން އަދާލަތު ޕާޓީން މިރޭ ނިންމައިފި އެވެ. 

ދީނީ ކަންކަން ހަރުދަނާކޮށް، ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށާއި އިގުތިސާދު ރަނގަޅު ކުރަން ސިޔާސީ ފަރާތްތަކުގެ އެެއްބާރުލުން ބޭނުންވާ ކަމަށް ބަޔާންކޮށް ސަރުކާރާ އެކު މަސައްކަތްކުރަން އަދާލަތު ޕާޓީއަށް ދައުވަތު ދެއްވާފައިވަނީ ރައީސް މުއިއްޒެވެ. 

އެ ދައުވަތު ގަބޫލުކުރަން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން މިރޭ ފާސްކުރި ގަރާރުގައި ބުނީ މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ. 

އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާ އެކު ކޯލިޝަން މެންބަރެއްގެ ގޮތުގައި ބައިވެރިވެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުއިއްޒަށް ތާއިދުކޮށް މަސައްކަތްކުރާނެ ކަމަށް ގަރާރުގައިވެ އެވެ. 

ގަރާރުގައި ބުނި ގޮތުގައި އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އިސްލާމީ އަގީދާ އާއި އުސޫލުތަކަށް ބިނާކޮށް ގައުމު ކުރިއަރުވައި ތަރައްގީކުރުމަކީ އަދާލަތު ޕާޓީ އުފެދުނު މަގުސަދެވެ. 

ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ބަދަހިކޮށް ވަރުގަދަކުރަން ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވެސް ގަރާރުގައިވެ އެވެ. 

ޕީއެންސީއާ އެކު ކޯލިޝަން ހަދަން އަދާލަތު ޕާޓީން ނިންމިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އޮތީ އެ ސަރުކާރާ އެކު ކޯލިޝަންގަ އެވެ. އޭގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީގެ ބައިވެރިވުން އޮތެވެ. 

އަދާލަތު ޕާޓީ މިހާރު އާ ލީޑަޝިޕަކުން ހިންގަމުންދާއިރު، އެ ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުالله ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.