މަރުގެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލަން ގޮވާލައި އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރަކާ ދެކޮޅަށް ރާއްޖެއިން ވޯޓް ދީފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އދ.ގެ އާއްމު މަޖިލީހުގައި ނެގި އެ ވޯޓުގައި ރާއްޖެ ހިމެނޭހެން 33 ގައުމަކުން ދެކޮޅު ހެދި ނަމަވެސް 133 ގައުމެއްގެ ވޯޓާ އެކު އެ ގަރާރު ފާސްކުރި އެވެ. 

މެކްސިކޯއިން ހުށަހެޅި އެ ގަރާރު ފާސްކުރަން ނުފެންނަ ކަމަށް ރާއްޖޭގެ އިތުރުން ވޯޓުދިން ގައުމުތަކަކީ އެމެރިކާ، އިންޑިއާ، ޗައިނާ، ޗައިނާ، ޖަޕާން، ޕާކިސްތާން، މިސްރު، ސައުދީއަރަބިއްޔާ، ބަހްރައިން، ކުވައިތު، އުމާން އަދި ގަތަރެވެ.

މެކްސިކޯއިން ހުށަހެޅި އެ ގަރާރުގައި ބުނެފައިވާ ގޮތުގައި މަރުގެ އަދަބުދިނުން މުޅި ދުނިޔޭގައި ވެސް މަދުކުރުުމުގެ އޮއިވަރެއް އޮތް ނަމަވެސް އެ އަދަބު ދިނުން މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މަރުގެ އަދަބު ދިނުން މުޅިން ހުއްޓާލަން އަމާޒުކޮށްގެން، އެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުިން ހުއްޓާލުމަށާއި މަރުގެ އަދަބު ދިނުން ހުއްޓާލާފައިވާ ގައުމުތަކުން އެ އަަދަބު އަލުން ތައާރަފް ނުކުރަން ވެސް އެ ގަރާރުގައި ގޮވާލާފައި ވެ އެވެ.

މަރުގެ އަދަބު ދިނުން ވަގުތީ ގޮތުން ހުއްޓާލަން ގޮވާލައި ހުށަހެޅި ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުދިން އިރު ދަންޖައްސައިގެން މަރުގެ އަދަބު ދިނުމާއި އެ އަދަބު ތަންފީޒުކުރުމުގައި ދައުލަތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ތަފްސީލުކޮށް ބަޔާންކުރާ ބިލެއް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

މިދިޔަ ހޯމަދުވަހު ބޭއްވި ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި އެ ބިލުގައިވާ ގޮތުން ބިލުގެ މަގުސަދަކީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމާއި އަދަބު ކަނޑައެޅުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތުތަކެއް ބަޔާންކުރުމެވެ.

އެ ބިލުގެ ދަށުން، މަރުގެ އަދަބު ކަނޑައަޅަންވާނީ ގާނޫނުގައި ބަޔާންކުރާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. ޖިނާއީ ބޮޑެތި މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން މައްސަލަ ބަލައި ނިހާއީ ހުކުމަކަށް ވާސިލުވެގެން މެނުވީ މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ތަހުގީގާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގު ކުށްވެރިޔާއަށް ފުރިހަމައަށް ލިބިދީފައިވޭތޯ ކޯޓުން ކަށަވަރު ކުރަން ވާނެ ކަމާއި އެ ހައްގު އެންމެ ފުރިހަމައަށް ލިބިދީފައި ނުވާ ކަމަށް ކޯޓަށް ގަބޫލުކުރެވޭ ނަމަ، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅައިގެން ނުވާނެ ކަމަށް ބިލުގައިވެ އެވެ.