ޝަރުއީ ނިޒާމް ގޯސް ކަމަށް ބުނަނީ މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް: ޝަހީމް

މަރުގެ އަދަބު ތަންފީޒު ކުރާނީ އަދުލު އިންސާފުގެ ނިޒާމުގެ ނިޒާމް އިސްލާހު ކުރުމަށް ފަހުގައި ކަމަށް ސަރުކާރުން ބުނާ ބުނުމަކީ އެ ހުކުމް ރާއްޖޭގައި ތަންފީޒު ނުކުރަން ދައްކާ ހުއްޖަތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


ޝަހީމް އެގޮތަށް ވިދާޅުވީ މަރުގެ އަދަބު ދިނުން ހުއްޓުވުމަށް އދ. އަށް ހުށަހެޅި ގަރާރަކާ ދެކޮޅަށް ރާއްޖެއިން އިއްޔެ ވޯޓު ދީފައި ވަނިކޮށެވެ. ރާއްޖޭގެ ވަފުދުން އދ. ގައި ބުނެފައިވަނީ މަރުގެ ހުކުމް ރާއްޖޭގައި ތަންފީޒު ކުރަންޖެހޭ ކަމަށާއި އެކަން ކުރާނީ ޝަރުއީ ނިޒާމް އިތުބާރު ހިފޭ ނިޒާމަކަށް ހެދުމަށް ފަހު ކަމަށެވެ.

އެކަމާ ގުޅިގެން ޝަހީމް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވަނީ އަދުލުވެރި ކަމަކީ ވަގުތުން ގާއިމް ކުރެވޭނެ އެއްޗެއް ކަމަށާއި އެއީ އެބައެއްގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ. އެކަން ކުރުމަށް ޒަމާންތަކެއް ނުވަތަ އަހަރުތަކެއް ފާއިތުވެގެން ނުދާނެ ކަމަށާއި އަދުލު އިންސާފުގެ ނިޒާމު ރަނގަޅު ނޫން ކަމަށް ބުނެ ދައްކާ ވާހަކައަކީ މަރުގެ އަދަބު ތަންފީޒު ނުކުރަން ދައްކާ ހުއްޖަތެއް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

"އަދުލުގެ ނިޒާމުގައި މައްސަލައެއް ހުރެއްޖެ ނަމަ އެތަނުން ކުރާ އެއްވެސް ހުކުމެއް ސައްހައެއް ނުވާނެ ނޫންތޯ އެވެ؟. ވަކި ހުކުމްތަކެއް ތަންފީޒު ވެފައި، އަނެއްބައި ހުކުމްތައް ތަންފީޒު ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟." ޝަހީމް ސުވާލު އުފައްދަވާފައިވެ އެވެ.

އިިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރަކަށް ވެސް އެންމެ ފަހުން ހުންނެވި ޝަހީމް ލިޔުއްވާފައިވާ ގޮތުގައި އިސްލާމީ ޝަރީއަތުގައި އޮންނަ ހުކުމެއް ތަންފީޒު ކުރުން ފަސް ކުރެވެން އޮންނާނެ ހަމައެކަނި ގޮތަކީ ޝަރުއީ ގޮތުން ގަބޫލު ކުރެވޭ އުޒުރެއް އޮތުމެވެ.

މިސާލެއްގެ ގޮތުން އޭނާ ނެންގެވީ އުމަރުގެފާނުގެ ޒަމާނުގައި ވައްކަން ކުރާ މީހުންނަށް އަދަބު ދެއްވުން މެދުކަނޑުއްވާލި ހާދިސާއަށެވެ. އޭރު އެކަން އެގޮތަށް ކުރެއްވީ ބަނޑުހައިހޫނުކަން އާންމުވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއުމުން ކަމަށް ޝަހީމް ލިޔުއްވާފައިވެ އެވެ. އެކަމަކު ޝަރުއީ ނިޒާމް ރަނގަޅު ނޫން ކަމަށް ސަރުކާރުން ބުނެ ދައްކާ ވާހަކައަކީ މަރުގެ ހުކުމް ތަންފީޒު ނުކުރަން އޮތް އުޒުރެއް ނޫން ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.

ރާއްޖޭގައި މަރުގެ ހުކުމެއް އެންމެ ފަހުން ތަންފީޒު ކުރީ 1954 ވަނަ އަހަރު އެވެ. ކުރީގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި ބަޑި ޖަހައިގެން އޭރު މަރުގެ އަދަބު ދިނީ އަމީން ދީދީ އަވަހާރަކޮށްލަން ސިހުރު ހަދައި، ހުވަދު އަތޮޅުގެ އޭރުގެ އަތޮޅުވެރިޔާއަށް ވިހައެއް ދީގެން މަރާލުމުގައި އިސްކޮށް ހަރަކާތްތެރިވި މީހަކަށެވެ.

އޭގެފަހުން ވެސް އެކި ކުށްތަކުގައި ރާއްޖޭގައި މަރުގެ ހުކުމް އިއްވިޔަސް، އެއިން އެއްވެސް ހުކުމެއް މިހާތަނަށް ތަންފީޒެއް ނުކުރެ އެވެ. މަރުގެ ތިން މައްސަލައެއްގައި މަރަން ހުކުމްކޮށް، އިސްތިއުނާފް މަރުހަލާ ނިމިފައި ތިބި ތިން މީހަކު މިހާރު ވެސް އެބަ ތިއްބެވެ. އެކަމަކު އެ މީހުންގެ މަރުގެ ހުކުމް ވެސް ތަންފީޒެއް ނުކުރެ އެވެ.