އަބުރު ރައްކާތެރިކުރުމުގެ ގާނޫނެއް ހަަދަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ މެދު އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ.
"ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލުގެ ނަމުގައި" ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހުށަހެޅުއްވި އެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަހުމަދު ޝަމްހީދު ވިދާޅުވީ އެ ބިލުގައި އަބުރު މާނަކޮށްފައި އޮތީ ބައިނަލްއަގުވާމީ މިންގަނޑުން ބޭރުން ކަމަށެވެ. ބިލާ މެދު އޮތް އަނެއް ކަންބޮޑުވުމަކީ އޭނާ ވިދާޅުވި ގޮތުގައި މީހަކާ ބެހޭ ގޮތުން ދައްކާ ވާހަކައަކީ ފުރިހަމަ ތެދުކަން ކޯޓެއްގައި ސާބިތުކޮށްދޭން ޖެހުމެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މި ގާނޫނުގައި މިހާރު މާނަކޮށްފައި މި އޮތް ގޮތުން، ރައްޔިތުންގެ ޕަބްލިކް އިންޓަރެސްޓްގައި ދައްކާ ވާހަކަ، އަޅުގަނޑުމެން މިތާ ވެސް މި ދައްކަނީ ޕަބްލިކް އިންޓަރެސްޓްގައި ދައްކާ ވާހަކަ. ނޫސްތަކުގައި ވެސް ލިޔަނީ ޕަބްލިކް އިންޓަރެސްޓްގައި ދައްކާ ވާހަކަ [ވެސް އަބުރާ ބެހުން ކަމަށް މާނަކުރެވޭ]، އެއީ ދުނިޔޭގައި ވަރަށް ބޮޑަށް ބަލާ [އެކަމަށް ރިއާޔަތްކުރާ] ކަމެއް،" ޝަމްހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންނާ ބެހޭ ގޮތުން ރައްޔިތުން ދައްކާ ވާހަކައާ މެދު އަމަލުކުރަން ޖެހޭނީ ތަފާތު ގޮތަކަށެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ސިފަކުރެއްވި ގޮތުގައި އެ ބިލަކީ ރައްޔިތުންނަށް ބިރުދައްކައި "ނޫސްވެރިންގެ އަނގައިގައި ޓޭޕް އަޅަން" ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ. އަބުރު ރައްކާތެރިކުރުމަކީ މީހާގެ ފަރުދީ، ގާނޫނީ ޒިންމާއެއް ކަމަށާއި އެކަމަށް ނުބަލައި "ހިތަށް އެރިހާ ކަމެއް ކުރީމާ" އެ ވާހަކަ ދެއްކުން އެއީ އަބުރަށް އަރައިގަތުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ ގޮތުން، ގާނޫނު ހަދައިގެން ދިވެހިރައްޔިތުންނަށް ބިރުދައްކަން، ދިވެހި ނޫސްވެރިންގެ އަނގައިގައި ޓޭޕްއަޅަން ކުރާ މަސައްކަތަކީ ދިވެހިރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން. އަޅުގަނޑުމެން މި ތިބީ މިހުރިހާ ކަމަކާ ދެކޮޅަށް،" ޣަފޫރު ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ކަންބޮޑުވުން ފާޅުކުރެއްވީ ސިއްރު މަސްދަރަކުން ލިބޭ މައުލޫމާތު ހާމަކުރަންޖެހޭ ގޮތަށް އެ ބިލުގައި އޮތް ކަމަށް ވިދާޅުވެ އެވެ. އެއީ ތަހުގީގީ ނޫސްވެރިކަން މުޅިން ހުއްޓޭ ކަހަލަ މާއްދާއެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
"ސިއްރު މަސްދަރަކުން ލިބޭ މައުލޫމާތެއް ހާމަކުރަންޖެހޭ ހިސާބަށް މި ދަނީ. ތަހުގީގީ ނޫސްވެރިކަން އެއްކޮށް ނިމޭ ކަހަލަ މާއްދާއެއް މިއީ. ގާނޫނުއަސާސީގެ އަށާވީސް ވަނަ މާއްދާގައި މައުލޫމާތާއި މަސްދަރު ހާމަކުރުން މަނާކޮށްފައި އޮއްވާ މި ބިލުގައި މި މާއްދާ ހިމެނޭނެކަމާ މެދު އަޅުގަނޑަށް ސުވާލު އުފެދޭ،" އޭނާ ވިދާޅުވި އެވެ.
ފިއްޓޭ މި މޭރުމުން ވާހަކަދެއްކެވި އިރު ބައެއް ހާލަތްތަކުގައި، ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް، ހެއްކާބެހޭ ގާނޫނު ފާސްކުރީ އެމްޑީޕީގެ ވެރިކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެ ޕާޓީއަށް އޮވެގެންނެވެ. އެކަމާ ދެކޮޅަށް ނޫސްވެރިން އޭރު އިހުތިޖާޖު ވެސް ކުރި އެވެ.
ބިލުގައިވާ ގޮތުން އެ ބިލްގެ މަގުސަދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި މީހުންގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގާ ދެމެދު އިންސާފުވެރި ހަމަހަމަކަމެއް ގާއިމުކުރުމެވެ. އަދި މީހެއްގެ އަބުރަށް އުނިކަމެއް އަންނަ ހާލަތުގައި، ޝަރީއަތުގެ މަރުހަލާގެ ކުރިންނާއި ޝަރީއަތުގެ ތެރެއިން ހައްގު ހޯދައިދިނުމުގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.
އަބުރު ރައްކާތެރިކުރާ ގާނޫނެއް ހަދަން މަޖިލީހަށް ހުށަަހެޅި ބިލުގައިވާ ގޮތުން ގާނޫނު ހިނގާނީ ފަރުދުންނާއި، ގާނޫނީ ޝަހްސުތަކާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާތަކާއި، އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާ ހިމެނޭގޮތަށް ހުރިހާ ޑިޖިޓަލް ޕްލެޓްފޯމްތަކަށެވެ. އަދި ރާއްޖޭން ބޭރުގައި ކުރާ އަމަލަކުން ރާއްޖޭގައި މީހެއްގެ އަބުރަށް ގެއްލުން ލިބުނަސް މި ގާނޫނު ހިނގާނެ އެވެ.
ބިލުގައިވާ ގޮތުން އަބުރާބެހުމަކީ ޖިނާއީ ކުށެއްގެ ބަދަލުގައި މަދަނީ ކުށެކެވެ. މީހެއްގެ ނަމާއި އަބުރަށް ގެއްލުންދޭ އަމަލެއް ކުރުމުން، މަދަނީ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އަނިޔާ ލިބުނު ފަރާތަށް ލިބިދެ އެވެ.