ފްރާންސާއެކު ސިޔާސީ މަޝްވަރާތައް ގާއިމްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއިން އިއްޔެ ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިރުތިޝާމް އާދަމް އާއި ފްރާންސުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރެމީ ލަމްބާޓް ވަނީ "ލެޓާ އޮފް އިންޓެންޓު" ގައި ސޮއިކުރައްވައިފަ އެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމަށް މުހިއްމު ދާއިރާތަކުން ގަވާއިދުން ސިޔާސީ މަޝްވަރާތައް ބޭއްވުމަށް މަގުފަހިކޮށްދިނުމާއި ރާއްޖެ އާއި ފްރާންސާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމެވެ.
އެކަމުން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދެ ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ބުންޏެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ދެ ގައުމު ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.
އޭގެ ތެރެއިން، ބައިނަލްއަގުވާމީ ކަންކަމުގައި ހާއްސަކޮށް ގިނަ ގައުމުތައް ބައިވެރިވާ ނިޒާމެއްގެ މުހިއްމުކަމާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމާއި ކަނޑުތައް ބެލެހެއްޓުމާ ގުޅޭގޮތުން ދެ ގައުމުން ގެންގުޅޭ ސިޔާސަތުތައް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ފަލަސްތީނުގެ ހައްގުގައި ފްރާންސުން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އިރުތިޝާމް ވަނީ މަރުހަބާ ދަންނަވައިފަ އެވެ.