ހަދަމުންދިޔަ އިމާރާތެއްގައި ޖަހާފައިހުރި ބިތްގަނޑެއް ވެއްޓި ބަޔަކަށް އަނިޔާވެއްޖެ އެވެ. 

އައިޖީއެމްއެޗް ކުރިމަތީ ހަދަމުން ދިޔަ އިމާރާތުގެ ސޭފްޓީ ބިތްގަނޑު ވެއްޓުނީ މިއަދު ހަވީރު 5:06 އެހާއިރު ކަމަށް ފުލުހުން ބުންޏެވެ. ޕާކްކޮށްފައިހުރި ސައިކަލްތަކުގެ މައްޗަށް ބިތްގަނޑު ވެއްޓުނުއިރު އެ ވަގުތު އެ ތަނުގައި ތިބި ބައެއް މީހުން ގައިގައި ވެސް ޖެހުނެވެ. 

ފުލުހުން ބުނި ގޮތުގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް މި ހާދިސާގައި ގެއްލުންވުމުގެ އިތުރުން ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. 

ވެއްޓުނީ އިމާރާތެއްގެ ފުރަތަމަ ބުރީގައި މަސައްކަތްކުރަމުން ދިޔައިރު، އެތަނުގައި ރައްކާތެރިކަމުގެ ގޮތުން ޖަހާފައި ހުރި ޓިނުގެ ބިތްގަނޑެކެވެ. 

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.