މާލޭގެ އިމާރާތަކުން ވެއްޓުނު މުށިގަނޑެއް، މަގުމަތިން ހިނގާފައި ދިޔަ މީހެއްގެ ބޮލުގައި ޖެހި، އެ މީހާއަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގުގެ މާފަންނުގައި ހުރި އިމާރާތަކުން އެއްޗެއް ވެއްޓި މީހެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާ ކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އިމާރާތެއް ކަމެއް ފުލުހުން ނުބުނެ އެވެ.
އެ ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތް 41 އަހަރުގެ ފިރިހެނަކަށެވެ. އަދި އެ މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާއަށް ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މީހާގެ ބޯފަޅައިގެން ގޮސް، ލޮލުގެ ފެނުން ވެސް ވަނީ ގޮސްފަ އެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.