ފަރީދީ މަގުގައި ހަދަމުން ދާ އިމާރާތެއްގެ ފަސް ވަނަ ބުރިން ބަންގްލަދޭޝްގެ މީހަކު މިއަދު ވެއްޓި އޭނާގެ ހާލު ސީރިއަސްވެ، ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 32 އަހަރުގެ އެ މީހާ ވެއްޓިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ހެނދުނު 9:52 ކަންހާއިރު ކަމަށެވެ. އިތުރު ތަފްސީލެއް އަދި ނުދެއްވަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ފޯން ނުނަންގަވާތީ އެ މީހާގެ ހާލަތު ވަނީ ސާފު ވާގޮތް ނުވެފަ އެވެ.
ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވަރަށް ފަހުން ވެއްޓި ބިދޭސީއަކު ވަނީ މަރުވެފަ އެވެ. ދޭތެރެދޭތެރެއިން އެފަދަ ހާދިސާތައް ހިނގަ އެވެ.
އިމާރާތްކުރުމުގައި ހަރަކާތްތެރިވާ މީހުން ސޭފްޓީއަށް ނުބަލައި މަސައްކަތް ކުރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. ހާއްސަކޮށް ހަރަދު ކުޑަކުރުމަށް ބިދޭސީން ލަށްވައި މަސައްކަތްތައް ކުރުވަނީ އެ މީހުންނަށް ސަލާމަތީ އާލާތްތައް ނުދީ އެވެ.