އިމާރާތެއްގެ ދެވަނަ ބުރިން ބިދޭސީއަކު ވެއްޓިއްޖެ

މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ދެވަނަ ބުރިން ބިދޭސީއަކު ވެއްޓި، މާ ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވެއްޖެ އެވެ.


އިމާރާތުން ވެއްޓުނީ 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އައިޖީއެމްއެޗާ ހަވާލާ ދީ ފުލުހުން ބުނި ގޮތުގައި އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

އޭނާ ވެއްޓުނީ މަޖީދީ މަގާއި ރަށްދެބައި މަގު ގުޅޭ ހިސާބުގައި ހުރި އިމާރާތަކުންނެވެ. މި ހާދިސާ ހިނގީ މިއަދު ހެނދުނު 10:30 ހާއިރު އެވެ. މި މައްސަލައިގައި ބަލަންޖެހޭ ކަންތައްތައް ފުލުހުން ބަލަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

މީހުން އުޅޭ ގޭގެ އާއި ހަދަމުންދާ އިމާރާތްތަކުން އެއްޗިހި ވެއްޓި މީހުންނަށް އަނިޔާވުމުގެ ގިނަ ހާދިސާތަކެއް ފަހަކަށް އައިސް ވަނީ ހިނގައިފަ އެވެ.