މާލޭގައި އިމާރާތެއްގެ ފުރަތަމަ ފްލޯ އިން މިއަދު ދެ މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މަޖީދީމަގުގައި ހުންނަ އިމާރާތަކުން ދެ މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަން އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު އެ ދެ މީހުންނަށް ވެސް އިމަޖެންސީގައި ފަރުވާ ދެމުން އަންނަކަން ފިޔަވައި އިތުރު ތަފްސީލެއް ނުދެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ ބިދޭސީން މަސައްކަތްކުރީ ޕޮއިސް ޕާފިއުމް ފިހާރަ ހުންނަ އިމާރާތުގަ އެވެ. އެ މީހުން މަސައްކަތުގައި އުޅުނީ ސަލާމަތީ ފިޔަވަޅުތައް ނާޅާ ކަމަށް އެނގިފައިވެ އެވެ.