މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލެ 2 ގައި ކުއްޖަކު ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި ރޭ މެންދަމު ރޯވެ އަނދައިފި އެވެ.
ވިނަރެސް 7 އާ ދިމާލުން މަގުމަތީ މަޑުކޮށްގެން އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖެހި ވެއްޓުނު ވަގުތު އެ ސައިކަލް ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖާ ވަރަށް ބޮޑަށް ޒަހަމްވީ އެ ވަގުތު ފަހަތުން އައި ކާރު ކުއްޖާގެ ގައިމަތިން ދިއުމުން ކަމަށް ބެލެވޭ ކަމުގައި ފުލުހުން ކުރިން ބުނެފައިވެ އެވެ.
ރޯވި ކާރަކީ ފަރުވާ ދެނިކޮށް ނިޔާވި ނުވަ އަހަރުގެ ކުއްޖާގެ ގައިމަތިން ދިޔަ ކަމަށް ބެލެވޭ ކާރުކަން ރަޖިސްޓްރީ ނަންބަރުން އެނގެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް އަދި ނުބުނެ އެވެ. އެހެންވެ މިއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް ވެސް އަދި ނޭނގެ އެވެ.
އޭރު ތަހުގީގުގެ ބޭނުމަށް ހެކި ހޯދުމަށް އެ ކާރު ޓޯކުރި އެވެ. ވެރިފަރާތާ ކާރު ހަވާލުކުރީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.
މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުނީ އެ ކާރުގައި ރޯވީ ރޭ ދަންވަރު 2:30 ހާއިރު ކަމަށެވެ. އޭރު ކާރު އޮތީ ކުއްޖާ ނިޔާވި އެކްސިޑެންޓު ހިނގި ހިސާބުގައި ހުންނަ ވިނަރެސް ޓަވަރުތަކާ ދިމާލުން އިރުމަތީ ފަރާތުން ދޫކޮށްފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުގައި ޕާކުކޮށްފަ އެވެ.
މި ހާދިސާގައި ކާރު އެއްކޮށް އަނދާފައި ވާއިރު، ކައިރީގައި ހުރި އެހެން ކާރުތަކަށް ވެސް އަލިފާނުގެ ސަބަބުން ގެއްލުން ވެފައިވެ އެވެ. ރޯވި ކާރުގެ ކުރީގަ އާއި ފަހަތުގައި ވެސް ވަރަށް ކައިރީގައި ދެ ކާރު ޕާކުކޮށްފައި އޮތެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.